ބޮލީވުޑްގެ މަޝްހޫރު ތަރި އަރްޖުން ކަޕޫރު އަކީ އަބަދުވެސް އޭނާގެ ފިލްމީ މަސައްކަތްތަކުގެ ވާހަކަ މީޑިއާ އާއި ހިއްސާކުރަމުން އަންނަ މީޑިއާ އާއި ގާތް ތަރިއެކެވެ. އޭނާގެ އަމިއްލަ ދިރިއުޅުމާއި ގުޅޭ ބައެއް ވާހަކަތައްވެސް މީގެ ކުރިން މީޑިއާގައި ހިއްސާކޮށްފައިވާ އަރްޖުން މި ވަނީ އަނެއްކާވެސް އޭނާއަށް ތާއިދުކުރާ ފަރާތްތައް ހައިރާންވާފަދަ ވާހަކައެއް މީޑީއާގައި ހިއްސާކޮށްފައެވެ.
‘ބޮމްބޭ ޓައިމްސް’ އަށް ދިން އިންޓަވިއުއެއްގައި އަރްޖުން ވަނީ މީގެ ކުރިން ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާނާއި ރައްޓެހިވެގެން އުޅުނުކަމަށް ބުނެ އެ ދެމީހުން ރުޅިވި ގޮތުގެ ވާހަކަވެސް މީޑިއާގައި ހިއްސާކޮށްފައެވެ. އަރްޖުންގެ ފުރަތަމަ އަދި ހަގީގީ ލޯތްބަކީ އަރްޕިތާކަން ފާހަގަކުރަމުން އޭނާ ދިން އިންޓަވިއުގައި ބުނީ އަރްޕިތާ އާ ރައްޓެހިވީ އުމުރުން 18 އަހަރުގައި ކަމަށާއި އެ ގުޅުން 2 އަހަރަށް ދެމިގެން ދިޔަކަމަށެވެ.
އަރްޕިތާއާ އަރްޖުން ރައްޓެހިވި އިރު އަރްޖުން އުޅުނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައިކަން ފާހަގަކޮށް އަރްޖުން ބުނީ އެ ދުވަސްވަރު ސަލްމާން އުޅުނީ “މޭނޭ ޕިޔާރް ކިޔު ކިޔާ” ގެ ޝޫޓިންގައި ކަމަށެވެ. އަދި ސަލްމާންގެ ކޮއްކޮއާ ރައްޓެހިވެގެން އުޅޭކަން ބުނަން ނުކެރިގެން ބިރުން އުޅުނުކަމަށާއި އެހެންނަމަވެސް އެންމެފަހުން ބިރު ކަނޑާލާފަ އެ ވާހަކަ ސަލްމާނާއި އެ އާއިލާ މީހުންނާއި ހިއްސާކުރީ އެ ހަބަރު އެހެން މީހެއްގެ ފަރާތުން އެ އާއިލާއަށް އެގެން ބޭނުންނުވާތީކަމަށް އަރްޖުން ބުންޏެވެ. އިތުރަށް އަރްޖުން ބުނީ އަރްޕިތާއާއި ދެމީހުންގެ ގުޅުމުގެ ވާހަކަ އިވުމުންވެސް ސަލްމާނާއި އޭނާގެ އާއިލާ މީހުން ނުރުހުންވެ އެއްވެސް ކަމަކަށް ހުރަސް އަޅާފައި ނުވާކަމަށެވެ. އަދި ސަލްމާންއަކީ އެހެން މީހުންގެ ގުޅުންތަކަށް ގަދަރުކުރަން ދަންނަ މީހެއްގެ ގޮތުގައި އަރްޖުންވަނީ ސިފަކޮށްފައެވެ.
އެ ގުޅުން ނިންމައިލި މީހަކީ އަރްޕިތާކަން ހާމަކުރަމުން އަރްޖުން ބުނީ އޭރު އޭނައަކީ 140 ކިލޯ ގެ އެސިސްޓެންޓް ޑިރެކްޓަރެއްކަމަށެވެ. “އޭރު އަހަރެން މަސައްކަތްކުރަން ދިޔައީ ސަލާމޭ އިޝްގުގައި. އޭރު ހީކުރެވުނީ ލޯބިވެރިޔެއް ލިބި ދިރިއުޅުމުގެ ކަންތައްތައް ހަމައެކަށް އެޅިފައިވާކަމަށް. އަދި އުމުރުން 22 އަހަރުގައި ޑައިރެކްޓަރަކަށްވެ ފިލްމެއް ނެރުމުގެ ހުވަފެންތައް ދެކެމުން ދިޔަ އަހަންނަށް އަރްޕިތާގެ ވަކިވެ ދިޔުމަތް ކެތެއް ނުކުރެވުނު. އަހަރެންނަށް ދިރިއުޅުން އޮޅި ދާންވީ މިސްރާބް އޮޅުނު” އަރްޖުން ބުންޏެވެ. އިތުރަށް އަރްޖުން ބުނީ އޭނާ އާއި އަރްޕިތާ ރުޅިވިފަހުންވެސް ސަލްމާނަކީ އޭނާގެ އެކުވެރިއެއްކަމަށެވެ. ފިލްމީ ދާއިރާއަށް އަރްޖުން ނިކުތުމުގައި ސަލްމާންގެ ވަރަށް ބޮޑު ހިއްސާއެއް ވާއިރު އަރްޖުންވަނީ އޭނާގެ މިހާރުގެ ސިފައަށް އައުމަށް ގިނަ މަސައްކަތްތަކެއްކޮށް ބަރުދަން ވަރަށް ބޮޑަށް ލުއިކޮށްލާފައެވެ.
ކޮންމެ އަކަސް މީގެ ދިހައަހަރު ކުރިން އަރްޖުން އަށް ވެވުނު ‘ހަގީގީ ލޯބި’ އަދިވެސް އޭނާއަށް ހަނދާން ނައްތާލެވިފައި ނުވާއިރު އަރްޕިތާ އާއި ބޮލީވުޑް ތަރި އާޔުޝް ޝަރުމާ ވަނީ ކައިވެނިކޮށްފައެވެ. އަދ އެ ކައިވެންޏަށް މިހާރު ދެ ކުދިންވެސް ލިބިފައިވާއިރު އަރްޖުން މިހާރު ލޯބީގެ ގޮތުން އުޅެނީ ސަލްމާންގެ ބޭބެ އަރްބާޒް ކުރިން ކައިވެނިކުރި މަލައިކާ އަރޯރާއާއެވެ.