English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމްނިއުސް.އެމްވީ

ކޮވިޑް19އާ ގުޅިގެން ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓްގެ ފަރާތުން މުވައްޒަފުން ވަކި އުސޫލުތަކެއްގެ މަތިން ކަންކަން ކުރުމަށް އަންގާފައިވާތީ އެކަންކަމާ މެދު ހިތްހަމަނުޖެހިގެން ރަށްފަޅުހުރާގައި މިއަދު ހަމަނުޖެހުން ހިންގައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހަމަނުޖެހުން ހިންގައިފައިވަނީ 4 ބިދޭސީންގެ މެދުގައެވެ. ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މި ހަމަނުޖެހުމުގެ މައުލޫމާތު އެ އިދާރާއަށް މިއަދު 13:20 ހާއިރު ލިބުމާއެކު ފުލުހުން ވަނި ހަރަކާތްތެރިވާން ފަށާފަ އެވެ. އަދި ފުލުހުންގެ ޓީމެއް ވަނީ ހަމަނުޖެހުން ކޮންޓްރޯލު ކުރަން އެރަށަށް ގޮސް މިހާރު އެ ހަމަނުޖެހުން ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރަށްފަޅު ހުރާ، ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަމުންދަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ “ދަ ރިޓްޒް ކާލްޓަން” އިންނެވެ. “ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް” ގެ ނަމުގައި ރަށްފަޅު ހުރާ ހިއްކައިގެން ތަރައްގީ ކުރާ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ. އެ ކުންފުނި ދަނީ މި ފަޅުގައި ހަތަރު ރަށެއް ހިއްކަމުންނެވެ.

ރަށްފަޅު ހުރާގައި ތަރައްގީކުރަމުން އަންނަ ރަށްރަށުގައި 2،000 ވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުން އަންނަ އިރު ކޮވިޑް-19ގެ އެންމެ ބޮޑު ކްލަސްޓާއެއްވެސް ރާއްޖެއިން މިހާރު އޮތީ އެރަށުގައެވެ. އެ ރަށުގައި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު 200 އާއި ކައިރިކުރެއެވެ.