English Edition
Dhivehi Edition
މިނޫޝިއާ ރެސްޓޯރެންޓަށް ބަޔަކު ޙަމަލާ ދީފައި./ފޮޓޯ ސޯޝަލް މީޑިއާ

މޯލްޑިވިއަން އައިޑޮލްގެ ޕްރެޒެންޓަރ އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަނބިކަނބަލުން އައިމިނަތު މައުރީން ގެ ރެސްޓޯރެންޓަށް ބަޔަކު ގެއްލުންދީފިއެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ “މިނޫޝިއާ” ރެސްޓޯރެންޓަށް ބަޔަކު ގެއްލުން ދޭ މަންޒަރުތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:15 ގަ އެވެ.

މިހާދިސާ ހިނގި ވަގުތު ރެސްޓޯރެންޓުގެ އެތެރޭގައި އެތަނުގެ ބައެއް މުވައްޒަފުން ތިއްބެވެ. ސީސީޓީވީގެ ފުޓޭޖުން ފެންނަ ގޮތުގައި ހަމަލާ ދިން މީހާ ހުރީ ހެލްމެޓެއް އަޅައިގެންނެވެ. ރެސްޓޯރެންޓްގެ ކުރިމަތީގައި ހުރެ ގާބުރިއަކުން ޖަހާ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު އޭނާ ވަނީ ފިލާފައެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މައުރީން އަދި ބައްސާމް

މިނޫޝިއާ ރެސްޓޯރަންޓަށް ޙަމަލާ ދީފައި މިވަނީ އޮގަސްޓް 30 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ މެޗެއްގައި ހަމަނުޖެހުން ތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ.

އެދުވަހު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވުމަށް ،ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ޓީނޭޖް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެން ޓީނޭޖް ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހަމަނުޖެހުން ހިންގާފައެވެ.

އެހަމަނުޖެހުމާއި ގުޅިގެން މުބާރާތުގެ ޑިސިޕްލިން ކޮމިޓީއިން މެޗު ކުރިއަށް ނުގެންގޮސް ބުރު ޓީމް މެޗުން މޮޅުވީ ކަމަށް ނިންމާ އެ ޓީމަށް އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރު ކޮށްދީފައިވެއެވެ.