English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމްނިއުސް.އެމްވީ

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާއިން 107 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

މިރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިވަގުތު ރަށްފަޅު ހުރާގައި 107 އެކްޓިވް ކޭސް އަދި ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން މިހާތަނަށް 125 މީހުން ދެނެގަނެވި ކަރަންޓީން ކުރެވިފައިވާކަމަށެވެ. އަދި އެ ރިސޯޓުން މިއަދުވެސް 143 ސާމްޕަލެއް ނަގާފައިވާކަމަށާއި، އެ އެންމެންނަކީވެސް ބަލީގެ އަލާމާތްތައް ހުރި މީހުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

“މިއަދު އިތުރު 143 ސާމްޕަލް މިވަނީ ނެގިފައި. އެއީ ބަލީގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް. އެހެންވީމަ ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބޭނެ” ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހކަ ދައްކަވަމުން ނަޒްލާ ވިދާޅުވެފައި ވަނީ އެ ދުވަހު ޕޮޒިޓިވްވި ކޭސްގެ ތެރޭގައި ރަށްފަޅު ހުރާއިން 15 ކޭސް ފެނިފައިވާ ކަމަށެވެ.

ރަށްފަޅު ހުރާ، ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަމުންދަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ “ދަ ރިޓްޒް ކާލްޓަން” އިންނެވެ. “ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް” ގެ ނަމުގައި ރަށްފަޅު ހުރާ ހިއްކައިގެން ތަރައްގީ ކުރާ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ. އެ ކުންފުނި ދަނީ މި ފަޅުގައި ހަތަރު ރަށެއް ހިއްކަމުންނެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، މިއަދު 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,763 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 344 މީހަކު އެބަތިއްބެވެ. މިވަގުތު ކޮވިޑް-19 އަށް ރާއްޖޭގައި 956 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ހޮސްޕިޓަލްތަކުގައި 86 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައި.ސީ.ޔޫގައި 3 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ވޯޑުގައި ފަރުވާދެމުންދާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 46 މީހަކު ވަނީ މަރުވެފައެވެ. އެއީ 38 ދިވެހިންނާއި 08 ބިދޭސީންނެވެ.