އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދީއްތަ ދުވަހުގެ 18:00އިން ފެށިގެން ހޯމަ ދުވަހުގެ 18:00އާ ހަމައަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާއިން 79 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއާއި އެކު އެ ރަށުން ފައްސިވި މީހުންގެ އަދަދު މިވަނީ 186 އަށް އަރައިފައެވެ
ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، ރެއާއި ހަމައަށް އެރަށުން 107 މީހަކު ބައްޔަށް ފައްސިވެފައިވާ ކަމަށެވެ. އަދި ރެއާއި ހަމައަށް ފައްސިވެފައިވާ މީހުންނާއި ކޮންޓެކްޓްވި 125 މީހަކު ދެނެގަނެވި ކަރަންޓީން ކުރެވިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ރޭ ވިދާޅުވިއެވެ. އަދި އެ ރިސޯޓުން އިއްޔެ 143 ސާމްޕަލެއް ނަގާފައިވާއިރު، އެ އެންމެންނަކީވެސް ބަލީގެ އަލާމާތްތައް ހުރި މީހުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
ރަށްފަޅު ހުރާ، ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަމުންދަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ “ދަ ރިޓްޒް ކާލްޓަން” އިންނެވެ. “ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް” ގެ ނަމުގައި ރަށްފަޅު ހުރާ ހިއްކައިގެން ތަރައްގީ ކުރާ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ. އެ ކުންފުނި ދަނީ މި ފަޅުގައި ހަތަރު ރަށެއް ހިއްކަމުންނެވެ.