English Edition
Dhivehi Edition

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ހުރިހާ މުދަލެށް ހިފަހައްޓާ، އުތުރު ކޮރެއާއި އެކު އޮންނަ ތެލުގެ ވިޔަފާރި މަޑު ޖައްސާލައި އިތުރު ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން އ.ދ ގެ ސަލާމަތީ މަޖިލީހަށް ހުށައަޅައިފިއެވެ.

ބުދަ ދުވަހު ފެނިގެންދިޔަ މި ހުށައެޅުމަކީ އުތުރު ކޮރެއާއިން ދާދި ފަހުން ކުރިއަށް ގެންދިޔަ އެގައުމުގެ 6 ވަނަ އަދި އެންމެ ބޮޑު ނިއުކްލިއާ ޓެސްޓާއި ގުޅިގެންނެވެ. މި ހުށަހެޅުމުގައި އިތުރަށް ގޮވާާލާފައިވާ ކަންތަށްތަކުގެ ތެރޭގައި އެގައުމުގެ ފޮތީގެ ވިޔަފާރި އަދި އުތުރު ކޮރެއާއިން ބޭރުގައި މަސައްކަތް ކުރާ އެގައުމުގެ މަސައްކަތް ތެރިންގެ މުސާރަ ހިފެހެއްޓުމަށް ވެސް ވަނީ ހުށައަޅާފައެވެ.

އެމެރިކާގެ އިން ސަލާމަތީ މަޖިލީހަށް މި ހުށައެޅި ‘ޑްރާފްޓް’ އައިސްފައި މިވަނީ އެމެރިކާއިން އ.ދ އަށް ކަންޑައަޅާފައި ހުންނަވާ އެމެރިކާގެ ދާއިމީ މަންބޫދު ނިކީ ހެއިލީ، މީގެ ދެދުވަސް ކުރިން އ.ދ ގެ ސަލާމަތީ މަޖިލީހަށް އުތުރު ކޮރެއާއި މެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައި ވަނިކޮށެވެ. ހޯމަ ދުވަހު ހެއިލީ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 11 ގައި އ.ދ ސަލާމަތީ މަޖިލީހުގައި މިކަމާ ގުޅުން ހުރި ވޯޓެށް ނަގަން ތާވަލު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ރަޝިއާގެ މަންދޫބު ވަސިލީ ނިބެންޒިއާ ބުނެފައި ވަނީ މިއީ އަދި މާ އަވަސް އަވަހަށް އަޅަން އުޅޭ ފިޔަވަޅެއް ކަމުގައެވެ. އަދި މިހާތަނަށް މިހުށައެޅުމަށް އުތުރު ކޮރެއާގެ އެންމެ ބޮޑު މިތުރު ކަމަށްވާ ޗައިނާއިން ތާއީދު ކުރާ ކަން ހާމަ ކޮއްފައި ނުވެއެވެ.

މި ހުށައެޅުން ފަރުމާ ކޮށް އަމާޒު ކޮއްފައި މިވަނީ އުތުރު ކޮރެއާގެ ވެރިކަމުގެ އިސްކޮތް ހަރަކާތް ތެރިވާ ފަރާތްތަކަށާއި ލީޑަރަށެވެ. އެއީ މި ހުށައެޅުމުގައި އެމީހުންގެ ހުރިހާ މުދަލެށް ހިފެހެއްޓުމަށް ހުށައަޅާފައިވުމެވެ. މި ހުށައެޅުމުގެ ސަބަބުން އުތުރު ކޮރެއާގެ ލީޑަރާއި އެގައުމުގެ އިސް ހަތަރު އޮފިލަކަށް އ.ދ ގައި ހިމެނޭ ގައުމު ތަކަށް ނުދެވޭނެވެ.

މި ހުށައެޅުން އައިސްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސަށް ފޯނުން ގުޅުއްވާ، އެމެރިކާގެ ފުރަތަމަ ސިޔާސަތަކީ އަސްކަރީ ސިޔާސަތު ނޫންކަމުގެ ޔަގީންކަން ދެއްވާފައި ވާ ދަނޑިވަޅެއްގައެވެ. ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އުތުރު ކޮރެއާގެ ހަކަތައިގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާ ޗައިނާއިން މި ހުށައެޅުމަށް ދެކޮޅު ހަދާނެއެވެ. ސަބަބަކީ މިފަދަ ފިޔަވަޅެއްގެ ސަބަބުން އުތުރު ކޮރެއާގެ އިގްތިސާދު ފުނޑުފުނޑު ވެދާނެތީ ކަމަށް ޗައިނާއިން ބުނެއެވެ.