English Edition
Dhivehi Edition

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭ. އިން ކަނޑައަޅާފައިވާ ކަރަންޓީން ޤަވާއިދާއި ހިލާފުވެ އިއްޔެގެ ވަގުތެއްގައި ގދ. ފިޔޯރީ އިން އެ އަތޮޅުގެ ކާޑެއްދޫ އަށް ދިޔަ މީހާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށް ފިޔޯރީ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

ފިޔޯރީ ސިއްޙީ މަރުކަޒުން ހާމަކުރި ގޮތުގައި މިމީހާ ގަވާއިދާއި ހިލާފުވެ ކަރަންޓީނު ކުރެވިފައިވާ ތަނުން ނިކުމެގެން ފުރައިގެން ގޮސްފައިވާ ކަން އެނގިފައިވަނީ އެމީހާ ދަތުރުކުރަމުން ދިޔަ އަތޮޅު ފެރީ ގދ. މަޑަވެލި ހިސާބުގައި އޮއްވައެވެ. އިއްޔެ އަކީ އެމީހާގެ 14 ދުވަހުގެ ކަރަންޓީނު މުއްދަތުގެ 11 ވަނަ ދުވަހެވެ.

ފިޔޯރީ ހެލްތް ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަޙުމަދު ހާޝިމް މައުލޫމާތު ދެއްވި ގޮތުގައި އެމީހާ އެ ފެރީގައި ހުރި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން މެދުވެރިކޮށް އޭނާ ރަށަށް ގެނެސް އަލުން ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ. އަދި އެ ދަތުރުގައި އޭނާ އާއި އެކު އެ ފެރީގައި ދަތުރުކުރި އެންމެންވެސް މާސްކް އަޅައިގެން ތިބުމުން އެއްވެސް މީހަކު ކޮންޓެކްޓް ވެފައި ނެތް ނަމަވެސް އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ރޭގެ ވަގުތެއްގައި ސާމްޕަލް ނެގިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި ނަތީޖާ ލިބޭނެ ކަމަށްވެސް އަހުމަދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަންނަ ހުކުރު ދުވަހު އޭނާ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމުން އިތުރު ސާމްޕަލް އެއް ނަގާނެ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ފިޔޯރީން ކަރަންޓީން ގަވާއިދާއި މީހަކު ހިލާފުވެފައިވާކަން ފުލުހުން ވަނީ އޭ.އޯ. ނިއުސް އަށް ކަށަވަރުކޮށްދީފައެވެ. އެގޮތުން ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ޖޫރިމަނާ ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފައެވެ.

ކޮވިޑް-19އާ ގުޅިގެން ކަރަންޓީން ވާން އަންގާފައިވާ މީހަކު އެ އަމުރާ ހިލާފު ވެއްޖެނަމަ އަމަލުކުރާނެ ގޮތާއި ބެހޭގޮތުން އެކުލަވާލައިފައިވާ ގަވާއިދުގައިވާ ގޮތުން އެކަހެރިވުމަށް އަންގާފައިވާ މީހަކު އޭނާއަށް އަންގާފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާ ކަރަންޓީނު ވުމަށް އަންގާފައިވާ މީހަކު އޭނާއަށް އަންގާފައިވާ އަމުރާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 2500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރު 3500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ވާއިރު، ތިންވަނަ ފަހަރުން ފެށިގެން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވައިދުގައި ބުނެއެވެ.

އެ މާއްދާގެ ދަށުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ފުލުހުންގެ އިދާރާތައް ނެތް ރަށްތަކުގައި އެ ފިޔަވަޅުތައް ތަންފީޒުކުރާނީ ކައުންސިލުތަކުން ކަމުގައިވެސް އެ ގަވާއިދުގައި ފާހަގަކޮށްފައިވެއެވެ.