English Edition
Dhivehi Edition

ގދ. ކާޑެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކޮށް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެމަސައްކަތްކޮށް ނިންމާލާފައިވަނީ 25 ޖުލައި 2022 ވީ ބުރާސްފަތި ދުވަހުގައެވެ.

ކާޑެއްދޫ އެއަރޕޯރޓްގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ މީގެ 28 އަހަރު ކުރިން އެރަށުގެ އެއަރޕޯޓް ތަރައްގީކުރިއިރު ހަދާފައިވާ ބަނދަރެކެވެ. މިބަނދަރުގެ ފާލަމުގެ ބޮޑުބައެއް މިއަހަރު ކުރީ ކޮޅު ވަނީ ވެއްޓިފައެވެ. އޭގެ ސަބަބުން އެބަނދަރު ބޭނުންކުރާ މީހުންނަށް ބޮޑެތި ދަތިތަކާވަނީ ކުރިމަތިލާންޖެހިފައެވެ.

އެހެންކަމުން މިދިޔަ މެއި މަހު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. އަދި މިހާރު ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މި މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތުގެ ތެރޭގައި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންސްރާސްޓްރަކްޗަރ އިން އެމްޓީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއަކީ 9.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.