ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ގދ. ފިޔޯރީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ އެރަށުގެ ސްކޫލުގައި ދާދި ފަހުން ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ރަށުގެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަންޖެހުމުންނާއި އެ ހާދިސާގެ ސަބަބުން ސްކޫލު ހިންގުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރައްވާފަ އެވެ.
އެ ބޭފުޅުން ވަނީ ރަށުގެ ޞިއްޙި މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. . މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ހިންގާ ބައެއް މަޝްރޫޢުތައް ލަސްވަމުންދާތީ އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމުގައި އެބޭފުޅުން ފާހަގަކުރެއްވެވިއެވެ. އެގޮތުން ފެނާ ނަރުދަމާގެ މަޝްރޫޢު އެބޭފުޅުން ފާހަގަކުރެއްވެވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއްވެސް ރަށެއް ބާކީ ނުކުރުމުގައި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރެއްވެވި އެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާ އެކަންކަމަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.