ފިޔޯރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮނެޓީ އާއި މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒް އާއި ގުޅިގެން ސޮސައިޓީ ފޯރ ފިޔޯރީ ޔޫތް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް (ސްފައިސް ޖަމިއްޔާ)އިން އިންތިޒާމްކޮށްގެން ޚާއްޞަ ދަރުސްތަކެއް ގދ. ފިފޯރީގައި ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން ފިޔޯރީގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ޝެއިޚް އިލްޔާސް ޙުސައިން ދެއްވާ މިދަރުސްތައް ދެއްވުމަށް ހަމަޖެހިފައިވަނީ ފިޔޯރީ ސްޖޫލު ހޯލާއި ބަނދަރު ސަރަހައްދުގައި ތިން ދުވަހަކަށް ބަހާލައިގެންނެވެ.
އެޖަމުއްއްޔާއިން ބުނީ މިދަރުސްތަކުގެ ތެރެއިން ފުރަތަމަ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ “ކިޔަމަންތެރިކަން” މިމަޢުޟޫގެ މައްޗަށް ކަމަށެވެ. ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުނަނަށް ހާއްސަ މިދަރުސް ދިނުމަށް ހަމަޖެހިފައިވަނީ ފިޔޯރީ ސްކޫލު ހޯލުގައި ނޮވެންބަރު 03 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގައެވެ.
ދަރުސްތަކާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާއިން ބުނީ އެދުވަހުގެ ރޭގަނޑު 08:00 ގައި ފިޔޯރީ ސްކޫލު ހޯލުގައި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ “އެއްބައިވަންތަކަން” މިމަޢުޟޫގެ މައްޗަށް ދެއްވާ ދަރުހެއް ކަމަށެވެ.
ގދ. ފިޔޯރީގައި ޝެއިޚް އިލްޔާސް ޙުސައިން ދެއްވާ ތިންވަނަ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ “ނަމާދަށް ފަރުވާ ކުޑަކުރުމުގެ ނުބައިކަން” މިމަޢުޟޫގެ މައްޗަށެވެ. ފިޔޯރީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔުމަށް ރާވާފައިވާ މި ދަރުސް އޮންނާނީ ފިޔޯރީ ބަނދަރު ސަރަޙައްދުގައި 04 ނޮވެންބަރު ވާ ހުކުރު ދުވަހުގެ ރޭގަނޑު 08:30 ގައި ކަމަށް ސްފައިސް ޖަމިއްޔާއިން ބުނެއެވެ.
ޝެއިޚް އިލްޔާސް ޙުސައިން ފިޔޯރީގައި ދެއްވާ ފަހު ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ފިޔޯރީގައި ދިރިއުޅޭ ބެލެނެވެރިންނަށް އަމާޒުކޮށްގެންނެވެ. “ދަރިންނަކީ އަމާނާތެއް” މިދަރުސް އޮންނާނީ ނޮވެންބަރު 05 ވާ ހޮނިހިރު ދުވަހު ގދ. ފިޔޯރީ ސްކޫލް ހޯލުގައެވެ.