މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ޑީއާރްޕީގެ ކުރީގެ ނައިބު ލީޑަރު އަބްދުﷲ ރިފާއު (ބޮޗޭ) އެބުރި ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ޕީޕީއެމް އަށް ގިނަ ހިދުމަތްތަކެއް ކޮއްދެއްވާފައިވާ ބޮޗޭ ޕީޕީއެމް އަށް ސޮއިކުރެއްވީ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރެއްވުމަށެވެ.
ބޮޗޭ ސޮއި ކުރި ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
ޑީއާރްޕީ އިން ސިޔާސީ ހަޔާތް ފެއްޓެވި ބޮޗޭ އެ ޕާޓީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި، ޕީޕީއެމް އުފަންވުމުން ފަހުން ޔާމީނާއިއެކު ޕީޕީއެމާ ގުޅިވަޑައިގަތެވެ. އަދި ޕީޕީއެމްގައި ހުންނެވުމަށްފަހު އަލުން އަނެއްކާވެސް ޑީއާރްޕީއާއި ގުޅިވަޑައިގަތެވެ. އެ ދުވަސްވަރު ބޮޗޭ ޑީއާރްޕީއާއި ގުޅިވަޑައިގަތީ ވަޒީފާއެއްގެ ގޮތުގައި ކަމަށް އަޑުތައް ފެތުރުނެވެ. އެގޮތުން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނީގެ ސީއީއޯ ކަމާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއޭޓްކަން ބޮޗޭ ވަނީ ކުރައްވާފައެވެ.
ބޮޗޭ ވަނީ މި މަހުގެ 16 ވަނަ ދުވަހު ޑީއާރްޕީއިން ވަކިވިކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ. އެގޮތުން ކުރެއްވި ޓުވީޓެއްގައި ބޮޗޭ ވިދާޅުވެފައިވަނީ އޭނާ ޔޮޓް ޓުއާސް ގްރޫޕު ކުންފުނިތަކުގެ ސީއީއޯގެ މަގާމުންނާއި، ޑީއާރްޕީގެ ނައިބު ލީޑަރުގެ މަގާމުންނާއި ކާށިދޫ ދާއިރާގެ މަޖިލިސް ސެކްރެޓޭރިއޭޓްގެ މަގާމުން އޭނާ އިސްތިއުފާދެއްވި ކަމަށެވެ.