ޒަމާންތަކެއް ފާއިތު ވެގެން ދިޔައީ މީހުންގެ އަނގަ މަތީ މަލަން ގަޑެއް އެޅިގެން ތިބޭހެނެވެ. ވާނުވާ ނޭނގޭ ބަޔަކަށް އެސަރުކާރަކުން ކުޑަ ކަމެއް ކޮށްދިނަސް އުފާވެ ސަނާ ކިޔާވެސް ހެދިއެވެ.
އެ ކަމަކާ ހިސާބަށް ވާސިލްވާން ކުރި މަސައްކަތަކީ ކުރަންޖެހޭ ކަމެކޭ ހީވިއެވެ. ސްކޫލް ބަންދުވެ ފޮތް ލިސްޓް އަތަށް އަރާ ހިސާބަކީ ފުދުންތެރިކަން ނެތް އާއިލާ ތަކުގެ މައިން ބަފައިން ކުރަން ޖެހޭ ކަމެކޭ ހީވެ ބޮޑު ކިޔުއެއް ހަދައިން ފޮތް ލިސްޓް ހިފައިން، ނުވަތަ ބަލިވީމަ ބޭސް ސިޓީ ހިފައިން ރައީސް އޮފީސް ދޮށަށްގޮސް ތިބެންޖެހުނު ޖެހުން އެމީހުންނަށް އެއިރަކު ބޮޑު ކަމަކަށް ނުވި އެވެ.
ސަބަބަކީ ހަނި ސިކުޑި ތަކަކަށް ވިސްނާ ދީފައިވަނީ އެއީ ސަރުކާރުގެ ދީލަތި ކަމުންވާ އެހީއެއް ކަމަށެޥެ. ނޭނގި މި ވެވެނީ އަޅުވެތި ކަމެއްކަން އިޙްސާސް ނުވެއެވެ.
މި ހުރިހާ ކަމެއް ބަދަލުވެގެން އައީ އެއިރުގެ އޮތް ސަރުކާރުގެ ކަންތައްތަކަށް ފާރަވެރިވެ މީ ކަން ހިނގަންޖެހޭ ގޮތް ނޫން ކަމަށް ފެނުނު އެތައް ބަޔެއްގެ މަސައްކަތުންނެވެ. އެހިސާބުން ބިރު ފަހަނަ އަޅާ ގޮސް ނާއިންސާފުން އެބަޔަކާ މެދު ކަންކުރަމުން ދިޔަ ކޮންމެ ބައެއްގެ އަޑުވެސް އިންސާފުވެރިކަމަށް އެދި ހުޅުވެން ފެށުނެވެ. އެޅިފައިވާ މަލަން ނެއްޓި ވަކާލާތު ކުރަން ފެށިއެވެ.
ހިކުމަތްތެރި އެތައް ވިސްނުންތެރި ބައެއްގެ ވިސްނުން ބޭނުންކޮށް އެސަރުކާރު ނިމުމަކަށް ގެނެސް ވެރިކަމަށް ބަޔަކު އެރީ އެތައް ރައްޔިތުންނަކާ ގުޅުން ހުރި ކަންތައްތަކެއް އިސްލާޙު ކުރާ ހާލުއެވެ. ދިގު ދެމިގެންދިޔަ ކަންތައްތަކަކީ އަބަދުގެ ހާލަތޭ ހީވި އެތައް ބަޔަކު އުފަލުން ރޮއްވާލާވަރުވީ ހަޤީޤަތުގައިވެސް އަޅުވެތިވެވިފަ ތިބި ވަރު އިޙްސާސްވެފައެވެ.
ޔަގީންވެ ޤަބޫލު ކުރަން ޖެހޭ ކަމަކީ ސަރުކާރެއް ހިނގަންޏާ ފާޑު ކިޔާނެ ކަމެވެ. އެބަޔެއްގެ ރުހުމާއި އެކު ހޮވާ ވެރިމީހާވެސް ނުރުހޭ ކަމެއް ކުރާ ނަމަ އެވާހަކަ ދައްކާނެއެވެ. ޒަމާންވީ ވެރިކަމެއް ނިމުމަށް ގެނައީ ” މިނިވަން ކަމުން، އަޅުވެތި ކަމަށް ދާނަންހޭ، ނުދާނަމޭ” ގޮވަމުންނެވެ.
ވީމާ އެވާހަކަ ދައްކާ ބަޔަކީ ވަކި ޓެގް އެއް އެޅެންވީ ބަޔަކަށް ވާން ޖެހޭ ހެއްޔެވެ. ނުދައްކާ ތިބޭ ބަޔަކީ އަރިސް ބަޔަކަށް ވާންޖެހޭ ހެއްޔެވެ. ހިތްހަމަ ނުޖެހޭ ވާހަކައެއް ދައްކާ ބަޔަކީ ސަރުކާރާ ދެކޮޅު ބައެކޭ ބުނެވޭ ހެއްޔެވެ؟
ރައްޔިތުންނާއި ގުޅުންހުރި އެތައް ކަމެއްގެ ވާހަކަ ހިތް ނުރުހޭ ގޮތަކަށް ދާނަމަ އެރައްޔިތު މީހާވެސް އެވާހަކަ ދައްކަން ޖެހެއެވެ. އެހެނީ ފާޑު ކިޔުމަކީ އެކަމެއް ހައްލު ކުރަންވެސް އޮތް ކަމެކެވެ. ސަނާ ކިޔާ ބަޔަކު ވެރިކަން ކުރާ ޕާޓީއަށް ސަނާ ކިޔާ ޤައުމުގެ އެންމެ އިސް ޕާޓީއަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެފައިވަނީ ގިނަ ބަޔަކު ޤަބޫލު ކުރި އުސޫލުތަކަކާއި ސީދާ ރައްޔިތުންނާއި ގުޅުން ހުރި މެނިފެސްޓޯއެއްގެ ސަބަބުން ކަން ދޮގު ކުރާނެ މީހަކު ނެތެވެ.