ދިވެހީންނަކީ އަބަދުވެސް ދިވެހިވަންތަކަމަށް ލޯބިކުރާ ބައެކެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ބައެކެވެ. އެއްދިވެއްސަކު އަނެއް ދިވެއްސަކަށް އެހީތެރިކަން ފޯރުކޮށްދީ އެހީތެރިކަމަކަށް ބޭނުންވެއްޖެ ހާލަތެއްގައި އެބޭނުންވާ އެހީތެރިކަން އަބަދުވެސް ފުއްދައިދޭބައެކެވެ.
ކާބަފައިންގެ ޒަމާނުގައި މިކަންކަން އަދި ވަރަށްބޮޑަށް ފެނިގެންގޮސްފައިވެއެވެ. ޚާއްސަކޮށް ރަމްޟާންމަހުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ މިންވަރު ބޮޑެވެ. ތިމާކައިގެން ހުރިއްޔާ ތިމާގެ އަވަށްޓެރިޔާ އަދި އާއިލާމީހުންވެސް ތިބެންޖެހޭނީ ކައިގެންކަމަށް ބުނާ ދިވެހީން އޭރުގިނައެވެ. ގެއަށް ލިބޭ މަސްކޮޅު އަވަށްޓެރިންނަށް ބަހައި، ގޭގައި ހުންނަކާށްޓާއި، އެހެނިހެން ތަކެތިވެސް އެކަކު އަނެކަކަށް ދީގެން ކެއިންބުއިމުގެ ކަންކަން ހަމަޖައްސައި އުޅުނު ދިވެހީން އޭރުގިނައެވެ. އެޒަމާނުގައި ޚާއްސަކޮށް ރަށްރަށުގައި، ދިރިއުޅުމުގެ ވަށްޓަފާޅި ތަފާތެވެ. އޭރު ގޭގޭގެ ވަށައި މިހާރު މިހުންނަހެން އުސް ފާރުތަކެއް ރާނައި ދަގަނޑު ތޭރިތައް ލާފައި ނުހުރެއެވެ.މާނަޔަކީ ހިސާބުގަނޑު ހުރިހާ ގެއަކަށްވެސް އެންމެނަށް މިނިވަންކަން އޮވެއެވެ. ހިސާބުގަނޑުގެ ހުރިހާ ގެއަކަށް އެއްގެއިން އަނެއްގެއަށް ފަސޭހަކަމާއި އެކު އައިސް ގޮސް އުޅެވޭނެއެވެ. ކާންބަލާއިރު، ގަރުދިޔަފޮދެއް ނެތިއްޔާ ބަތްތަށި ހިފައިގެން ޖެހިގެން ހުންނަގޭގެ ބަދިގެއަށް ވަދެ ގަރުދިޔައާއި ދެންވެސް ބޭނުންވާ އެހެނިހެން ސާމާނުލައިގެން ކައި އުޅުނު ޒަމާނެއްވެސް ދިޔައެވެ. ޚާއްސަކޮށް ރަމްޟާންމަހުގެ ހާރުގަޑީގައި ހާރުކާން ހޭލާފަ ޖެހިގެން ހުންނަގޭގެ ބަދިގެއިން ތެލީގެ ފޫ ކަހާލާ އަޑު އިވިއްޖެއްޔާ ކައިރީ ތިބޭގޭގެ މީހުން އެގެއަކަށް ކާއެއްޗެހި ގެންގޮސްދިނުމަކީ އޭރުގެ އާދައެކެވެ. ބުނާކަށްނުޖެހެއެވެ. އެހާވެސް އެއްބަޔަކު އަނެއްބަޔަކަށް އަޅައިލިއެވެ.
މިދެންނެވި ދިވެހީން މިހާރުވެސް އުޅޭހެއްޔެވެ؟ އަޅުގަނޑުގެ ޖަވާބަކީ އާއެކެވެ. އެބައުޅެއެވެ. އައިސްގެން މިއުޅެނީ އުޅުމަށް އައި ކުޑަ ތަފާތު ކަމެކެވެ. ވިސްނުމަށްއައި ދެރަވަރު ބަދަލެކެވެ.
މިކަންކަން އަޅުގަނޑުމެނަށް ހާމަވެގެންދަނީ ދިމާވާ އެކިއެކި ހާދިސާ އަދި ކާރިސާތަކުގައި ދިވެހީން މިހާރުވެސް ދައްކުވައިދެމުން އަންނަ ރީތިމިސާލުންނެވެ. ދާދިފަހުން މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައިވެސް ދިވެހީން ދިވެހީންގެ ހިތްހެޔޮ ކަމާއި އޯގާތެރިކަން ވަނީ ދައްކުވައިދީފައެވެ.
އަޅުގަނޑުމެން ކުޑައިރު ރައީސުލްޖުމްހޫރިއްޔާއޭ ބުނެލީމާ އެދެވުނު އިހުތިރާމާއި ގަދަރު މިހާރުގެ ދަރިންގެ ހިތުތެރޭގައިވެސް އޮންނާނެ ހެއްޔެވެ. އަތޮޅުވެރީންނަށް އޭރު ލިބުނު ލޯއްބާއި ކުލުނު މިހާރުގެ ވެރީންނަށް ލިބޭހެއްޔެވެ. މުދިންމީހާއަށް ދެވުނު ޝަރަފު އުނިވީކީއްވެ ހެއްޔެވެ. އެދުރުދައިތައަށް އެ ބެލި ނަޒަރު ގެއްލުނީތޯއެވެ.
ވަރަށް ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ޑިމޮކުރެސީގެ ނަމުގައި ދިވެހިރާއްޖެއަށް ސިޔާސީ ހަލަބޮލިކަން އައުންވެގެން ދިޔައީ ރާއްޖޭގައި އޭރުއޮތް އެކުވެރިކަމާއި އެއްބައެއްވަންތަކަން ގެއްލިގެން ދިއުމުގެ ފެށުންކަމަށެވެ. ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ކުދިބޮޑު އެންމެންވެސް ނޭނގިތިބެ ނަމަވެސް އޭގެ އަވައިގައިޖެހި، އާއިލާތަކާއި ރަށްތަކުގައި އުފެދިފައިއޮތް ގުޅުންތައް ދޫކޮށްލައި ތިމާގަބޫލުކުރާ ސިޔާސީ ފިކުރަށް ތާއީދުކުރާ މީހުން ދައްކާ ކޮންމެފަދަ ވާހަކައެއް ވިޔަސް ގަބޫލުކުރެވެން ފެށުންވީ މިދެންނެވި ހުރިހާ ކަމެއް ކަފުންކޮށް ވަޅުލުންފަދަ ކަމަކަށެވެ. ތިމާއަށް ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި ހަމަޔާއި އުޞޫލުތަކަށް ވިސްނުމެއްނެތެވެ. ވަކި ސިޔާސީ ފިކުރެއްގެ އަވައިގައިޖެހި ތިމާގެ ޒަމީރު ޣަރަގުވެ،ކުރިން ގަބޫލުކުރި ރީތި ގޮތްތައް ދޫކޮށްލައި ތިމާގެ ނަފުސުގެ ފުންވަޅުގަނޑަކަށް ވަށްޓައިލުމީ މީހާ ސިޔާސީގޮތުން އެންމެ ބާރުގަދަވުންތޯއެވެ؟ ތިމާ ގަބޫލުކުރާ ސިޔާސީ ފިކުރާއި ތަފާތު ކޮންމެ މީހަކާއި ދިމާއަށް ހިތަށާއި ދުލަށްއައިހާ އެއްޗެއް ގޮވައި ސޯޝަލްމީޑިއާގައި އެމީސްމީހުންގެ އަބުރުކަތިލަމުން ދިއުމަކީ މިހާރުގެ ޒުވާނުން އެއްވެސް ޖެހިލުމެއްނެތި ކޮށްލާކަމެކެވެ.
ތިމާމެން ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ނިންމަން އަޑުއުފުލައި، އެގޮތަށް އެކަން ނުނިމޭހާ ހިދަކު މަގުތައްމަތީ މުޒާހަރާކޮށް ވެރިންނަށް ވަގަށްގޮވައި ހަޑިހުތުރު ބަހުން މުޚާތަބުކޮށް ދިވެހި ދިދައިގެ ހުރުމަތްކަނޑައި ހެދުމީވެސް އެއްވެސް ކަމެއްނޫނެވެ. މިހެން މިކަންކުރާކަށް ވަކިއުމުރެއް ވަކި ޖިންސެއްވެސް ނެތެވެ. ސިޔާސީވީވީނުންގޮސް ޔުނިފޯމް އަޅައިގެން ހުންނަ ތިމާގެ ފުލުސް ދަރިފުޅާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވޭއިރުވެސް އެދަރީގެ މަންމަ ޖެހިލުން ނުވެވޭހާ މީހުން ސިޔާސީ ވެއްޖެއެވެ. އިންސާނާގެ އަބުރާއި އިއްޒަތަކީ އެއްވެސް އެއްޗަކަށް ނަހަދައި ނަފުސުގެ ހުރުމަތްވެސް ކެނޑިއްޖެއެވެ.
ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެންއަންނަނީ ދިވެހި ރައްޔިތުންގެ ކިބައިންކަމާއި މިބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައިކަން 2008 ވަނަ އަހަރު އޮގަސްޓުމަހުގެ 7 ވަނަ ދުވަހު ތަސްދީގު ކުރެވުނު ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 4ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ސިޔާސީ އޮއިވަރުގެ ތެރެއިން ދެން އިވެންފެށި އަޑަކީ ލާދީނީވުމާއި،ހައްދު ފަހަނައަޅައި ދިއުމެވެ.
ލާދީނީވުމަކީ ކޮބައިތޯއެވެ؟ އަރަބިބަހުގައި “ލާ” ގެ މާނައަކީ ނަފީކުރުމެވެ. އެހެންކަމުން ލާދީނީ ވުމަކީ ދީނުންބޭރުވުން ހެއްޔެވެ؟ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމަށް ޝައިޚުއަލީ ޒައިދުގެ އަމިއްލަ ޓުވިޓާއިން ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ ލާދީނީ ގެ މާނައަކީ މީހާ ދީނުންބޭރުވުމެއްނޫން ކަމެވެ. މި ލަފުޒު ރާއްޖޭގައި ބޭނުންކޮށް އުޅެނީ ގިނަކަންކަމުގައި އިސްލާމީ ހުކުމްތަކާއި ފުށުއަރާފަދަ ފިކުރާއި ބަސްމަގު ގެންގުޅޭ މީހުންނަށް ކަމަށްވެސް ޒައިދުގެ މި ޓުވީޓުގައި ވެއެވެ. އެހެންކަމުން ލާދީނީވުމަކީ ކޮބައިކަންވެސް ދެނެގަންނަންޖެހެއެވެ. ދެންއޮތީ ހަރުކަށި ފިކުރުގެ ވާހަކައެވެ. ބަހުގެ ގޮތުން ބަލާއިރު ހަރުކަށި ވުމަކީ ކަންކަމުގައި އޮންނަ މެދުމިނުގެ އުސޫލާއި ޚިލާފަށް އެކަމެއްގައި ގަދަފަދަގޮތް ގެންގުޅުމެވެ. ދީނީހަރުކަށި ފިކުރަކީ ދީނީގޮތުން ހައްދުފަހަނައަޅައި ދިއުން ކަމަށް ވަރަށްގިނަ މީހުން މާނަކޮށްއުޅެއެވެ. އަދި މިފަދަ މީހުންނީ އިސްލާމްދީނުގައިވާ ލުއިފަސޭހަގޮތްތަކާއި، މެދުމިނުގެ އުސޫލުތަކާއި ސީދާ އިދިކޮޅަށް ވަކާލާތު ކުރާމީހުންކަމަށްވެސް ބުނެއުޅެއެވެ. އެހެންކަމުން މިވެސް ދެނެގަންނަން އެބަޖެހެއެވެ.
ދެންމިއޮތީ ވެރިންނަށް ލާދީނީ ގޮވުމާއި ތަފާތު ވަނަންތަކުން ގޮވުމެވެ. ދިވެހީންގެ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވެއެވެ. އަދި ދިވެހި ދައުލަތުގެ ވެރިޔަކަށްވެވޭނީ ހަމައެކަނި ދިވެއްސަކަށްކަންވެސް ބަޔާންކޮށްފައިވެއެވެ. އެހެންވީމާ ދިވެހީން ދިވެހީންނަށް ލާދީނީ ގޮވަންވީ ސަބަބެއް ނެތެވެ. ލާދީނީ ނުގޮވައި އިސްލާހު ކުރަންޖެހޭފަދަ އަމަލެއް ގެންގުޅޭ މީހެއްނަމަ އެކަން ފާހަގަ ވާ ހިސާބުން އެކަން އިސްލާހުކުރުމަށް އެހީތެރިކަން ފޯރުކޮށްނުދެވޭންވީ ކީއްވެތޯއެވެ؟.
ގައުމުގެ ވެރިންނަށް ތަފާތު ނަންނަމުން ގޮވާއަޑު އަދުގެ ޅަދަރީންގެ ކަންފަތުގައި ޖެހި ޖެހި އެއިން ބޭފުޅެއްގެ އަސްލު ނަންފުޅު ކިޔައިލިޔަސް އެއިން ކުއްޖަކަށް ނޭގެއެވެ. ނަމަވެސް އޭގެ ވަނަމަކުން ކިޔާލީމާ އެންމެ ކުޑަކުއްޖާއަށްވެސް އެއީ ކާކުކަން އެބައެނގެއެވެ. ދެރަނުވޭހެއްޔެވެ.
މިވެނި ވެރިޔަކީ ވަގެކޭ، އެވެނި ވެރިޔަކީ ލާދީނީއެކޭ، ކުޑަކުޑަކުދިންގެ އަނގައިން ބޭރުވާ އަޑު އިވުމުން ގައިން ހީބިހިނުނަގާ ހެއްޔެވެ.ދިވެހީންނޭ އަދިވެސް ހޭލާންނުވޭ ހެއްޔެވެ؟ ދެން މިކިޔަނީ މިއަދުގެ ކުދިންގެ އެއްވެސް ކަހަލަ އިހުތިރާމެއް ގަދަރެއް ބޮޑެތި މީހުނަށް ނުކުރާ ވާހަކައެވެ. އެކުދިންނަށް އެހެން މީހުން އިހުތިރަމްކުރާތަން އެބަ ފެނޭހެއްޔެވެ؟
ތިމާއާއި ބަހުގެ ގޮތުންވިޔަސް އަދި އެހެން ގޮތަކުންވިޔަސް ދެބަހެއް ވެއްޖެނަމަ ތިމާގެ އަޚާ ކަތިލައިލުމަކީ ޖެހިލުމެއްނެތި ކޮށްލާކަމަކަށް ވެއްޖެއެވެ. ރޯމާ ދުވާލު ގުރޫޕުޖަހާފައި ގޮސް މީހުންގެ ގެދޮރަށާއި ފިހާރަތަކަށް ވަދެ ބިރުދައްކައި އެމީހުން ބޭނުން ކަމެއްކޮށްލާއިރު އުފުވެސް ބުނަންކެރޭވަރުގެ މީހަކު ނެތެވެ. މަގުމަތިން ހިނގައިފައިދާ އަންހެން ކުއްޖާ ގަދަކަމުން ދަމާކޫއްތާ ގެންގޮސް ރޭޕްކޮށްލާއިރު އެމަންޒަރު ފެންނަ އެކަކުވެސް ހަމަނެތެވެ. ބޮންފަދަ ގޮވާޒާތްޒާތު ތަކެތި ހަދައިގެން މީހުންގެ މުދަލާއި ވެރީންނަށް މަރުގެ ހަމަލާތައްދޭއިރު މިކަން ހުއްޓުވޭނޭފަދަ ލަޝްކަރެއްވެސް ހަމަނެތެވެ.
ދިވެހިރާއްޖޭގެ ރިޔާސީ ދައުރަކީ ފަސްއަހަރު ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތަސް މިހާރުގެ ކުދިންނަށް މިކަންވެސް އޮޅޭނެއެވެ. އެއީ ކޮންމެ ރިއާސީދައުރެއް ފެށިގެން އަހަރެއްވާއިރު ދެން އިދިކޮޅުންނާއި އެމީހުނާއި ބައިއަތު ހިފާ އެންމެން ނިކުންނާނީ މަގުމައްޗަށެވެ. އެމީހުން ނިކުމެ މަސައްކަތްކުރާނީ ވެރިކަން ވަށްޓާލުމަށެވެ. އެހެންކަމުން ފަސްއަހަރުގެ ރިއާސީ ދައުރެއް ފުރިހަމަކުރުމަކީ އެއްވެސް ވެރިއަކަށް މިހާރު އެހާ ފަސޭހަކަމަކަށް ނުވެއެވެ.
ހައްތަހާވެސް ކަންބޮޑުވާންޖެހޭ ކަންކަމެވެ. ގައުމުގެ ހާލަތަށް ވިސްނައި ފިކުރުހިންގައިލީމާ ދެރަވެއެވެ. މާދަމާގެ ޖީލަށްވާނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. މީކީ ކާބަފައިން ގެނެސްދިން ދިވެހިރާއްޖެއެއް ނޫނެވެ. އެދިވެހީން މިހާރުވެސް އުޅޭނެއެވެ. އުނިވެގެން މިއުޅެނީ އޭރުގެ ދިވެހީންނާއި މިހާރުގެ ދިވެހީންގެ ވިސްނުމެވެ. ދެބައި މީހުންގެ ސިޔާސީފިކުރެވެ. – ސިޔާސީވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކަށެވެ. ގައުމަށް ނަފާލިބޭނޭ ގޮތަކަށެވެ.