English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވުމާއި ދިމާކޮށް “އަނިޔާވެރި ކަމާއި ދެކޮޅަށް ރާއްޖެ“ މި ނަމުގައި މިއަދު އައްޑޫ ސިޓީ ފޭދޫ ގައި މުޒާހަރާ ކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން

މި އެއްވުމުގައި ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރަމުންދާ އަނިޔާ ހުއްޓާލައި، އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް އެމުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ. އަދި ސަރުކާރުން ނޭއްގާނީ ކަންތައްްތައް ހިންގަމުން އަންނަ ކަމަށާއި، ދިވެހި ރައްޔިތުންގެ ބޮލަށް އިންތިހާއަށް ދަރަނިތައް އިތުރުވެއްޖެ ކަމަށާއި ރައްޔިތުންގެ ހަރުމުދާ މޯގޭޖްކޮށްގެން ލޯނު ނެގުމާ ދެކޮޅު ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ވަނީ އަޑު އުފުލާފައެވެ.

މި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ފޭދޫ މާދެލަ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓު މުހައްމަދު ފައިސަލް ވިދާޅުވީ ރައީސުލްޖުްމހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު ވެސް ކުރިޔަށް ގެންދެވުނު ޕްރޮޖެކްޓެއް އަދި މަޝްރޫއުއެއް ވެސް ނެތް ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައީސް ޔާމީންގެ ތަރައްޤީގެ މަޝްރޫއުތައް އެއީ މި ސަރުކާރުގެ ޕްރޮޖެކްޓުތަކެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ. އަދި މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރުން ވައުދު ވެފައިވާ ބޯހިޔާވަހިކަން އަދި ގެދޮރުގެ ދަތިކަން ހުރި ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށްވެސް ފައިސަލް ވަނީ ގޮވާލާފައެވެ. ފައިސަލް އިތުރަށް ވިދާޅުވީ ސަރުކާރުން ވައުދުވި 8000 އެނދުގެ ބަދަލުގައި އައްޑޫ އިން ފެނިގެން ދަނީ ރައްޔިތުން ނިކުމެ ހެދި ބީޗް ތަކުގައި ހުރި ސަން ބެޑް ތައްކަމުގައެވެ.

ހިތަދޫ މެދަވައު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓު ހުސަން ރަޝީދު ވިދާޅުވީ މި ސަރުކާރުން ވައްކަން ކުރަމުން އަންނަ ކަމަށާއި އެ ވައްކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމުގައެވެ. އަދި ތިނަދޫ އުުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު މަޖިލީހުގައި ދައްކަވާފައިވާ ވާހަކައަށް ރައްދު ދެއްވަމުން ހުސެން ވިދާޅުވީ އައްޑޫ ގައި ރިސޯޓުތަކާއި ފަޅުރަށްތައް މަދުވިކަމުގައި ވީނަމަވެސް ދެވަނައައް އެންމެ އާބާދީ ބޮޑީ އައްޑޫގައި ކަމަށެވެ. މިއަދުގެ މިއެއްވުމުގައި ގިނައަދަދެއްގެ ރައްޔިތުން ވެސް ވަނީ ޝުއޫރު ފާޅުކުރައް ވާފައެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރިތާ މިއަދަށް 1 އަހަރު ފުރިފައިވާއިރު، ވޭތުވެދިޔަ އަހަރު ތެރޭގައި އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އަދި ރައީސް ޔާމީން ޖަލަށްލީ މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާ، މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު، ދެން އޮތީ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމެވެ. 5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ ގއ ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަނީ ލޯންޑާ ކުރައްވައިފައިވާ ކަން ކޯޓަށް ސާބިތުވެގެންނެވެ.

އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން

ރައީސް ޔާމީނަށް އިއްވި ހުކުމަކީ ނުހައްގު ދައުވާއެއްކޮށް އިއްވާފައިވާ ހުކުމެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީން ދެކެއެވެ. ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕިއާރުސީ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ވަނީ ކުރިއަށް ނުގޮސް ލަސްވެފައެވެ. މިކަމާއި މެދު ވެސް އިދިކޮޅު ޕާޓީ ތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އަލަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އަޑުއެހުމުގައި އެމަނިކުފާނު ވިދާޅުވީ ޖަލުގައި ވަކީލުންނާ ބައްދަލު ކުރެއްވުނަސް، މައްސަލައާ ގުޅިގެން އެކަށީގެންވާ މަސައްކަތްތައް ކުރައްވަން ވަގުތާއި ވަސީލަތްތައް ލިބިވަޑައިނުގަންނަވާ ކަމަށެވެ. މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންއަށް ދެއްވާފައެވެ.