English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އާ ދެ ދައުވާ, މަނީ ލޯންޑްރިންގ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ދައުވާގެ އަޑު އެހުމެއް މިމަހުގެ 18 ވަަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވުނު ކަމުގައިވިއަސް ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް ދަތިފުޅުވާތީއާއި އެ ދުވަހުގެ މޫސުން ގޯސް ވުމުގެ ސަބަބުން އެ ދުވަހުގެ އަޑު އެހުން ކެންސަލް ކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެގޮތުން އެދުވަހުގެ އަޑު އެހުން ކެންސަލް ކުރުމަށްފަހު މާދަމާ ހެދުނު 10:00 އަށް ކްރިމިނަލް ކޯޓުންވަނީ ތާވަލުކޮށްފައެވެ.

ޔާމީންގެ މައްޗަށް އާ ދެ ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް އުފުލުނު ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެކަމަށް ކަނޑައަޅައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެގޮތުން ރ. ފުއްގިރި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެއެވެ.

އަދި އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ވެސް އެމަނިކުފާނުގެ މައްޗަށް ކުރެއެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް އުފުލުނު ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެކަމަށް ކަނޑައަޅައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފުގެ މަރުހަލާގައެވެ.