މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހް އިސްތިއުފާ ދެއްވައިފިއެވެ.
އެމްއެމްޕީއާރުސީގެ ފުރަތަމަ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކުރެވުނީ 2023 ޑިސެމްބަރު 27 ގައެވެ. އޭނާ މި ރޭ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސާފުވެފައެއް ނުވެއެވެ.
ނޫރައިން އަކީ ރައީސުލްޖުމްހޫރިއްޔާގެ ޕްރިންސިޕަލް އެޑްވައިޒަރު އޮން ޓްރޭޑް އެންޑް އިންވެސްޓްމެންޓް، މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރުކަމުގެ މަގާމުގައި ޖަނާހް ހުންނެވީ ވަޒީރުންގެ ފެންވަރުގައި މުސާރަ ނުހިނގާ ގޮތަށެވެ.
ނޫރައިން އަކީ ދިގު މުއްދަތެއްގައި ސްވިޒަލޭންޑްގައި ދިރިއުޅުއްވާފައިވާ ޗާޓާޑް އެކައުންޓަންޓެކެވެ. އަދި އޭނާގެ ހުނަރުވެރިކަން ވަނީ 10 އަހަރުގެ މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާއިން ސާބިތުވެފައެވެ. މީގެ އިތުރުން، ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓް ގްރޫޕުގައި ނޫރައިން ވަނީ ވައިސް ޗެއާގެ މަގާމުވެސް ފުރުއްވާފައެވެ.