ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ އައުޓްޑޯ ކުޅިވަރު މައިދާންތައް، މީގެ 06 މަސްކުރިން އަލުން ހުޅުވާލުމާއެކު އެ ސިޓީގައި ކުޅިވަރުގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ. ވަރުގަދަ ފުޓްބޯޅަ މުބާރާތްތަކާއި ފުޓްސަލް މުބާރާތްތައް އިއުލާންކުރެވި ކުޅިވަރު ކުޅޭ ފަރާތްތަކުން މުބާރާތްތަކަށް ތައްޔާރުވާން ފެށީ ނުހަނު ފޯރިއާއި އެކުގައެވެ. އަބަދުވެސް ފުޓްބޯޅަ އަށް ބޮޑު އިސްކަމެއްދޭ އައްޑޫ ސިޓީގެ ޒުވާނުން ދަނޑުތައް ފުރާލިއިރު އެންމެ ގިނަ ކުޅުންތެރިން ތައްޔާރުވާން ފެށި އެއް މުބާރަތަކީ ފުޓްސަލް ޗެލެންޖެވެ. މުބާރާތް އިއުލާން ކުރި ހިސާބުން ކުޅުންތެރިން ބޮޑު އަގުގައި ޓީމްތަކަށް ގަންނަން ފަށާފައިވާއިރު ކޮންމެ ޓީމަކުންވެސް މަސައްކަތް ފެށީ ރަގަޅު ޕްރެކްޓިސްތަކަކާއެކު މުބާރާތަށް ނިކުތުމަށެވެ. އެހެންނަމަވެސް މި ކަމަށް އެޅިގެން ދިޔަ އެންމެ ބޮޑު އެއް ހުރަހަކީ އައްޑޫ ސިޓީގެ އަވަށްތަކުގައި ރަގަޅު ފެންވަރެއްގެ ޓާފް ދަނޑުތައް ނެތުމުގެ މައްސަލައެވެ.
ސަރުކާރުން މީގެ ކުރިން އައްޑޫގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ފުޓްސަލް ދަނޑުތައް ހަދާފައިވާއިރު މި ދަނޑުތައްވެސް މިހާރުވަނީ މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ހަލާކުވާން ކައިރިވެފައެވެ. މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި، އެފްއޭއެމްއިން ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން ޓާފް ފުޓްބޯޅަ ދަނޑެއް ހިތަދޫގައި ހަދާފައިވާއިރު ހުޅުމީދޫ ފުލުހުން އިސްނަގައިގެން ވަނީ ޓާފް ދަނޑެއް އެ އަވަށުގައި ހަދާފައެވެ.މީގެ އިތުރުން ފޭދޫ އާއި ހުޅުދޫ ޓާފް ދަނޑުގެ މަސައްކަތްކުރިއަށްދާއިރު މީދޫގައި ޓާފް އެޅުމުގެ އެއްވެސް މަސައްކަތެއް އަދި ފަށާފައެއް ނުވެއެވެ. ހަމަމިއާއި އެކު މަރަދޫފޭދޫ ގައި 2018 ވަނަ އަހަރު އޮކްޓޯބަރުމަހު ޓާފް އަޅާފައިވާއިރު އެ މަސައްކަތް ނިންމާފައިވަނީ އެ ރަށު ރައްޔިތުންގެ ބައިވެރިވުމާއެކު އެމީހުންގެ ބުރަ މަސައްކަތުންނެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަަހަރުތަކުގައި މި ދަނޑުގައި ޓާފް އެޅުން ފިޔަވައި އިތުރު އެހެން އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެއެވެ، މި ދަނޑަކީ މިހާރު ސިޓީގެ ގުޅިފައިވާ ތިން ރަށުންވެސް މުބާރާތަށް ތައްޔާރުވުމަށް، ކުޅުންތެރިން ބޭނުންކުރާ ހަމައެކަނި ޓާފް ދަނޑުކަމުގައިވާއިރު މިކަމުގައި އައްޑޫގެ ޒުވާނުންނަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ.
ޓާފް ދަނޑުގައި ރޭގަނޑު ކުޅެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، ދަނޑުގައި ލައިޓް ޖަހައި ރަނގަޅު ފެންވަރަކަށް ދަނޑު ހަދައިދިނުން އެދި މަރަދޫފޭދޫ ޒުވާނުން ‘އާދޭސްކުރާތާ’ އެތައް ދުވަހެއްވެފައިވާއިރު މިއަދާއި ހަމައަށްވެސް އެ އާދޭސްތަކަށް އެކަށީގެންވާ ޖަވާބެއް ލިބި އަމަލީ މަސައްކަތެއް ފެށިފައެއް ނެތެވެ. ޑިސެމްބަރު މަހު އައްޑޫގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ހުރިހާ ޓީމަކުންވެސް މަރަދޫފޭދޫ ޓާފް ދަނޑުގައި ފަރިތަކުރުންތައް ބާއްވަމުން އަންނައިރު މެންދުރުގެ އެންމެ ހޫނު ގަޑީގައިވެސް ޓީމްތަކުން އަންނަނީ ދަނޑު ބޭނުންކުރަމުންނެވެ. ” 14:00 އިން ފެށިގެން އިރުއޮއްސެންދެން އެކި ޓީމްތަކަށް ދަނޑު ދޫކޮށްފަ މި އޮންނަނީ. ގާތްގަނޑަކަށް ދިހަވަރަކަށް ޓީމް މި ދަނޑު ބޭނުންކުރަމުން އަންނައިރު މީ އަސްލު ވަރަށް އުދަގޫ ގޮތެއް. މެންދުރުގެ އެންމެ ހޫނު ގަޑީގަ ޕްރެކްޓިސް ކުރަންޖެހުމުގެ އިތުރުން ވަޒީފާގައި އުޅޭ ކުޅުންތެރިންނަށްވެސް މިކަމުގެ ސަބަބުން ވަނީ ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވެފަ.” މަރަދޫފޭދޫ އިން ވާހަކަދެއްކި ޒުވާނަކު ބުންޏެވެ. ކުޅުންތެރިންނަށް ދިމާވެފައިވާ މި މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ދަނޑުގައި ލައިޓްޖަހާ ރޭގަނޑުވެސް ކުޅެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ކަމުގައި ދަނޑު ބޭނުންކުރާ ޒުވާނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޓާފް ދަނޑަށް ގޭޓާއި، ބެންޗުގެ އިތުރުން ގޯލުވެސް ބޭނުންވާއިރު މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އެ ރަށުގެ ޒުވާނުން ވަނީ ޔޫތު މިނިސްޓްރީ އާއި މަރަދޫފޭދޫ މަޖިލީސް މެމްބަރުގެ ސަމާލުކަމަށްވެސް މި މައްސަލަ ގެނެސްފައެވެ.
ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އައްޑޫ ސިޓީ އަށް ވަޑައިގަތުމުންވެސް މަރަދޫފޭދޫ ޒުވާނުން މިކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އެދިފައިވާއިރު އޭރު މަހްލޫފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ދަނޑަކަށްވެސް ދިމާވެފައިވާ މައްސަލަތައް ބެލުމަށްފަހު މި މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ދަނޑަށް ބޭނުންވާ ބައެއް ސާމާން މިނިސްޓްރީއަށް ލިބިފައިވާކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅިގެން މަހްލޫފް ވިދާޅުވީ އެއީ ކެމްޕެއިން ދުވަސްވަރު ދެއްކި ވާހަކައެއް ކަމަށާއި ދަނޑަށް ބޭނުންވާ އެއްވެސް އެއްޗެއް މިނިސްޓްރީގައި ނެތްކަމަށެވެ. “ޓާފް ދަނޑުތަކަށް ޖެހިގެން އުޅޭ މައްސަލައަކީ ވަރަށް ބޮޑު ކަމެއް. މިކަމަށް ވަގުތު ކޮޅެއް ބޭނުންވޭ. ތެޅިގަނެގެން ގޯސްކޮށް ކުރުމަށްވުރެ ރަނގަޅަށް މިކަން ކޮށްލުން ރަނގަޅީ” މަހްލޫފް ވިދާޅުވިއެވެ. އިތުރަށް މަހްލޫފް ވިދާޅުވީ ޓާފް ދަނޑުތަކުގެ މަސައްކަތަކީ އޭރުގެ ސަރުކާރުން، ސީދާ ރައީސް އޮފީހުގެ އެންގުމަށް، ޔޫތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ކަމަށާއި އެކަން ކުރިއަށް ދިޔަ ގޮތުގެ އެއްވެސް ތަފްސީލެއް އެގެން ނެތްކަމަށާއި މިކަންތައްތައް ބެލުމަށް ވަގުތު ނަގާނެކަމަށެވެ.
މަރަދޫފޭދޫ ރައްޔިތުންނަށް މިނިސްޓަރ މަހްލޫފް ދެއްވި އުއްމީދާއި އެކުވެސް އެއްވެސް މަސައްކަތެއް ނުފެށި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ރަށު ޒުވާނުން ބޭނުންވަނީ ސިޓީ ކައުންސިލާއި، މަޖިލީސް މެމްބަރުގެ އިތުރުން ޔޫތު މިނިސްޓްރީންވެސް މިކަން ރަނގަޅަށް ބަލާ އަވަސް ހައްލެއް ހޯދައިދިނުމެވެ. ދަނޑުގައި ލައިޓްޖެހި ކުރިއަށް އޮތް މުބާރާތުގެ ފަރިތަކުރުންތައް ބޭއްވޭ ވަރުކޮށްދިނުމަކީ މި ދަނޑަށް ކުޅެން އަންނަ ކޮންމެ ކުޅުންތެރިއެއްގެވެސް އެންމެ ބޮޑު އުއްމީދުކަން ޔަގީނެވެ.