English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫ އަދި މަރަދޫފޭދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: މިފްޒާލް

އައްޑޫސިޓީ މަރަދޫފޭދޫ ގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން، އިންޑޯ ވޮލީ ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވަނީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިބާވަތުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 26 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުން ފެށިގެން 03 އޮކްޓޯބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް ކައުންސިލް އިދާރާއިން ގަންނަން ލިބޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ބީލަމުގައި ބައިވެރިވުމަށް -/300 (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮކްޓޯބަރު 04 ވާ އަންގާރަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީކައުންސިލްގެ އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 20,000ރ ( ވިހި ހާސް ރުފިޔާ ) ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

މި މަސައްކަތުގެ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 12 އޮކްޓޯބަރު 2022 ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.