13 ރަށެއްގައި ޓާފް ދަނޑު އަޅަން ޓެންޑާ ބޯޑަށް ފޮނުވައިފި
5 މަސް ކުރިން
އަޙްމަދު

13 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ޓެންޑާ ބޯޑަށް މިއަދު ފޮނުވާފައިވާ ކަމަށް މިނިސްޓާ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޓާފް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ. އަލިފުށި، ފ. ނިލަންދޫ، ސ. ފޭދޫ، ޏ. ފުވައްމުލަށް، ގދ. ތިނަދޫ، ލ. ގަން، ޅ. ހިންނަވަރު، ސ. ހުޅުދޫ، ހއ. ދިއްދޫ، ގއ. ވިލިނގިލި، އދ. މާމިގިލި، ހދ. ނެއްލައިދޫ އަދި ނ. ކެނދިކުޅުދޫއެވެ.

Advt

Advertisement

13 ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ޓެންޑާ ބޯޑަށް މިއަދު ފޮނުވާފައި ވާއިރު، ފުޓްބޯޅަ ދަނޑު އަޅާނެ އިތުރު 11 ރަށެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ފުޓްސަލްގެ ސަބަބުން ފުޓްބޯޅައަށް ވަރަށް ނޭދެވޭ އަސަރެއް ކުރަމުން ދާކަމަށާ މި ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ތެރޭގައި ފުޓްސަލްގެ ބަދަލުގައި ފުޓްބޯޅަ ދިރުވުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.  އަދި ނިމިދިޔަ ސަރުކާރުގައި ފުޓްބޯޅައަށް އަހަންމިއްޔަތުކަން ދީފައި ނުވުމުގެ ސަބަބުން ފުޓްބޯޅަ ދަނޑުތައް ވިނަވެ ހަލާކުވެފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ހަލާކުވެފައި ވާ ފުޓްބޯޅަ ދަނޑުތައް އިތުރަށް މަރާމާތު ކުރައްވާނޭ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި 100 ފުޓްބޯޅަ ދަނޑު އެޅުން ކަމަށާ މި ދަނޑުތައް ބެލެހެއްޓުމަކީ އުދަނގޫ ކަމަކަށް ވެދާނެތީ ދަނޑުތައް ތަރައްގީ ކުރާނީ ޓާފް އަޅުއްވައިގެން ކަމަށެވެ.