މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅުންހުރި ދާއިރާތަކާއެކު ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.
ހޯމް މިނިސްޓްރީން އިސްވެ އެ މަސައްކަތް ފެށީ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކަމަށާއި، އެ މަސައްކަތް ހައްލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލޭ ސިޓީ ކައުންސިލް ކަމުގައި ހޯމް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން އެއީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރެއްވުމަށް ފެއްޓެވި މަސައްކަތެއް ކަމަށާއި، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެއްޓެވީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީ ކަމުގައިވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
އެގޮތިމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ އިއްޔެ ގުޅުންހުރި ދާއިރާތަކާއެކު ބައްދަލުކުރައްވާ އެކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.