English Edition
Dhivehi Edition
ފޮޓޯ: ހޯމް މިނިސްޓްރީ

ބ. ހިތާދޫގައި “ފަހިރައްކާ” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ހިތާދޫ ޕޮލިސް ޕޯސްޓުން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާ ގުޅިގެން އޮކްޓޫބަރު 15 އިން ނޮވެމްބަރު 3 އަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، ހިތާދޫގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަކޮށްގެން 20 ދުވަހަށް ކުރިއަށް ގެންދާ ކަސްރަތު ކްލާސްތަކަކާއި ސްކޫލުގެ ގްރޭޑް 6 އިން 9 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި ސްކޫލު މުދައްރިސުންނަށް ހާއްސަކޮށްގެން 20 ދުވަހަށް ސުވިމިންގ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. “ފަހިރާސްތާ” ނަމުގައި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި، ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމުއިއްޔާތަކަށް ޓްރެފިކް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ހޯމް މިނިސްޓްރީން ބުނީ ސްކޫލުގެ ބެލެނިވެރިންނަށް ބާއްވާ ގެވެށިއަނިޔާއަށް ހޭލުންތެރި ކުރުމުގެ ސެޝަނަކާއި، ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ސައިބަރ ބުލީއިންގ އަދި ސައިބަރ ކްރައިމް އިން ރައްކާތެރިކުރުވުމަށް ބާއްވާ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ސްކޫލްގެ ދަރިވަރުންނަށް ބާއްވާ ލީޑަރޝިޕް ސްކިލްސް ކްލާހަކާއި، ބެލެނިވެރިންނަށް ބާއްވާ ކޮމިއުނިކޭޝަން ސްކިލްސް ކްލާހެއްގެ އިތުރުން ރަށުގެ މުއައްސަސާތަކަށް ވޯކް އެތިކްސް ކްލާހެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

މީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ހިމެނޭ ކްލާސްތަކަކީ ހިތާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ސްކޫލާ ބައްދަލުކޮށް ރަށަށް މިވަގުތު އެންމެ މުހިންމުކަމަށް ފާހަގަކޮށްފައިވާ ކަންކަމަށް އަލި އަޅުވާލައިގެން އެކުލަވައިލާފައިވާ ކްލާސްތަކެކެވެ. މި ޕްރޮގްރާމް ހިންގުމުގައި މި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އެރަށު ޕޮލިސް ޕޯސްޓުން ހާމަކޮށްފައިވެއެވެ.