English Edition
Dhivehi Edition

މިޔަންމާގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުން ތަހައްމަލް ކުރަމުން އަންނަ ނިކަމެތި ހާލަށްޓަކައި މުޅި އިސްލާމީ ދުނިޔެވެސް ކަންބޮޑުވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

މިޔަންމާގެ ލީޑަރު އަންސަން ސޫޗީއަށް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް ވިދާޅުވީ މިޔަންމާގެ ސިފައިން ރޮހިންޔާގެ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން އަންނަނީ ލާއިންސާނީ ޖަރީމާތަކެއް ކަމަށެވެ. އަދި،އެޖަރީމާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ތުރުކީގެ ރައީސްވަނީ ވިދާޅުވެފައެވެ.

ތުރުކީއިން މިޔަންމާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މިމައްސަލައަށް ހައްލެއް ގެނައުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ތުރުކީގެ ފޮރިން މިނިސްޓަރ ބަންގްލަދޭޝްއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ތުރުކީއިން ރަހައިން ސްޓޭޓަށް 1000 ޓަނުގެ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު މިތަކެތި ރަހައިން ސްޓޭޓަށް އެތެރެ ކުރުމުގެ ހުއްދަވެސް މިޔަންމާގެ ސަރުކާރުން ވަނީ ދީފައެވެ.

މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުން ސަލާމަތްވުމަށް އެތައް ބަޔަކު އެގައުމު ދޫކޮށް އަވަށްޓެރި ބަންގުލަދޭޝަށް ހިޖުރަކުރަކޮށްފައިވެއެވެ