English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ.

ތުރުކީވިލާތުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރޭ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫ.އޭ.ވީ މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެންދިއުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ ތުރުކީވިލާތުގެ ރައީސްކަމުގައެވެ. މިގޮތުން މިހާރު ތިން ޔޫ.އޭ.ވީ އޮތް ނަމަވެސް ތުރުކީއާ ރާއްޖެއާ އޮތް ގާތްކަމުގެ ތެރެއިން މުސްތަގުބަލުގައި އުޅަނދުތައް އިތުރުކުރެވިގެންދާނެކަމަށެވެ. އަދި މީގެ ތެރެއިން ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ރާއްޖެއަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތި ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޯސްޓުގާޑަށް އެކި ސައިޒުތަކުގެ އުޅަނދުތައް ހޯދައި ކޯސްޓުގާޑުގެ ގާބިލުކަން މިހާރަށްވުރެ ދެގުނަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތާއި އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަންކުރުމަށްޓަކައި ތުރުކީވިލާތުގެ އިތުރުން އެކުވެރި ބައެއް ގައުމުތަކާއެކު މުއާމަލާތްތައް ކުރެވެމުންދާކަމަށެވެ.