ޑިޒައިނިން އެންޑް ބިލްޑް އުސޫލުން، އައްޑޫ ސިޓީ ހުޅުދޫގައި ގާއިމު ކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރު ގާއިމްކުރުމުގެ މަޝްރޫއު ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތްް ކުރުމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިން، ޕްލޭނިން އެންޑް އިންޕްރާސްޓަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. ރެއިންބޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ މާޒިން އިބްރާހީމް ރަފީގެވެ.
180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުއާ ގުޅޭ އެމްއޯޔޫގައި ސޮއި ކުރެވިފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ނޮވެމްބަރ 9 ވަނަ ދުވަހުއެވެ.
މިމަޝްރޫއު ރެއިންބޯއާ ހަވާލުކޮށްފައިވަނީ 15 މިލިއަން ރުފިޔާއަށެވެ. މީގެތެރޭގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ 7 މިލިއަން ރުފިޔާ އާއި، ސަރުކާރުން 7 މިލިއަން ހިމެނެއެެވެ.
ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް މިދިޔަ އަހަރު ސަރުކާރުން ނިންމަވާފައިވާއިރު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުގައެވެ.
ހިތަދޫގެ އިތުރުން ހުޅުދޫގައި ތިބި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް ސެންޓަރެއް އަޅާނެ ކަމަށާއި އައްޑޫގައި ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކަށް ޚިދުމަތް ދޭނެ ކަމަށް މީގެ ކުރިން ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރިހަބިލިޓޭޝަން ސެންޓަރަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ އިތުރުން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސެންޓަރު ހިންގުމަށްޓަކައި އެ ތަނުގައި މަސައްކަތް ކުރާ ކައުންސެލަރުންނާއި ސޯޝަލް ވަރކަރުންނާޢި އެހެނިހެން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ މަގުފަހިކޮށްދޭނެ ކަމަށެވެ.