ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގުޅިގެން ގއ. ގެމަނަފުށީގައި ޗައިނާ ބަސް ކިޔަވައިދިނުމުގެ ބޭސިކް ކޯހެއް ފަށާގޮތަށް ހަމަޖައްސައިފިއެވެ.
މި ކުލާހުން އެންމެ މަތިން މާކުސް ހޯދާ ދަރިވަރަކަށް ޗައިނާގެ ޔުނިވަރސިޓީއެއްގައި ޗައިނާ ބަސް ކިޔެވުމަށް ފުރުސަތު ހޯދައިދޭ ގޮތަށް ސީއެމްސީއޭއިން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކުލާހުގައި ބައިވެރިވާ ފަރާތްތަކަށް ސީއެމްސީއޭގެ މެމްބަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ފުރުސަތު ދެވޭނެއެވެ.
ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ސީއެމްސީއިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ކުލާސްތަކެކެވެ. މީގެ އިތުރުން ޗައިނާގެ ޔުނިވަރސިޓީއެއްގައި ކިޔަވާނެ ފުރުސަތު މި ޕްރޮގްރާމުގެ ތެރެއިން ހޯދައި ދެވޭނެއެވެ. އެގޮތުން ސީއެމްސީއޭއިން އައްޑޫގައި އަދި ފުވައްމުލަކުގައި ހިންގި ކުލާސް ކާމިޔާބު ކަމާއެކު ނިންމައި ކުލާހުން 1 ވަނަ އަށް ދިޔަ ދަރިވަރުންނަށް ވަނީ އެ ދަރިވަރުންގެ ސްކޮލަރޝިޕްގައި މިހާރު ކިޔަވަން ފަށާފައެވެ. އަދި ގދ. އާއި ގއ އަތޮޅުން ހޮވޭ 2 ދަރިވަރުންނަށް އަންނަ އަހަރު ޗައިނާގެ ޔުނިވަރސިޓީއަކުން ޖާގަ ހޯދައި ދެވޭނެއެވެ.
ގެމަނަފުށީގައި ކުރިއަށް ގެންދާ މި ކުލާހުގައި ކިޔަވައިދޭނީ ސީއެމްސީއޭގެ ސްކޮލަރޝިޕްގައި ޗައިނާގައި ބަސް ކިޔެވުމުގައި 3 އަހަރު ހޭދަކޮށްފައިވާ ކުއްޖެކެވެ.
ނޮވެމްބަރ 26 އިން އިން 4ޑިސެމްބަރު ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ ލިންކުން އޮންލައިން ކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. http://form.jotform.com/kiyavaakudhin/clcgemanafushi ނުވަތަ 7782034 (ސީއެމްސީއޭގެ ސައުތު ރީޖަން ޕްރޮގްރާމު ކޯޑިނޭޓަރ ) އަށް ގުޅައިގެން ނަން ނޯޓުކުރުން ކުރިއަށް ގެންދެވޭނެއެވެ. މި ކޯހުގެ ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 250 ރުފިޔާ ދައްކަން ޖެހެއެވެ.
މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ކޯހުގައި ކޯހުގައި ބައިވެރިވި ކަމުގެ ސެޓްފިކެޓް ލިބޭނެއެވެ.