ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު، ކޮވިޑް-19 އިން ރަނގަޅުވެ އެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ތައްޔާރުވެއްޖެއެވެ.
އުމުރުން 28 އަހަރުގެ ސަލާހު، ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 13 ވަނަ ދުވަހު މިސްރުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ގޮސް ހުއްޓާ ހެދި ޓެސްޓްތަކުންނެވެ.
އެގޮތުން، މިސްރުގައި ހެދި ފުރަތަމަ ދެ ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް އެ ގައުމުގެ ސަރުކާރުން ހުއްދަދިނުމާއެކު އިންގްލެންޑަށް އެނބުރިއައިސް ހެދި ފުރަތަމަ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވީނަމަވެސް، ޕްރޮޓޮކޯލްގެ ދަށުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަދި އިތުރު ޓެސްޓެއް ނެގެޓިވްމުން ނޫނީ އޭނާ އަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭނެއެވެ.
އެހެންކަމުން، އިއްޔެގެ ޔުއެފާ ކޮވިޑް ޓެސްޓުގެ ނަތީޖާ އިން ސަލާހު ނެގެޓިވްވުމާއެކު ލިވަޕޫލްގެ ޓްރެއިނިންގ ސެންޓަރުގައި ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، އެ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވަން އުޅޭކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.
މިއާއެކު ލިވަޕޫލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހު އަށް ކުޅެވޭނެއެވެ. އޭގެކުރީން، ލީގުގައި އެ ޓީމު ލެސްޓާ ސިޓީން އަތުން 3-0 އިން މޮޅުވި މެޗުގެ އިތުރުން އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ޓޯގޯއާ ދެކޮޅަށް މިސްރު ކުޅުނު ދެ މެޗު ވެސް އޭނާ އަށް ވަނީ ގެއްލިފައެވެ.