English Edition
Dhivehi Edition
ފޮޓޯ؛ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން 200 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށް ބަޖެޓް ޑެފިސިޓް ދަށްކޮށްފިއެވެ. ކޮމިޓީން ގެނައި މި ބަދަލާއިއެކު ބަޖެޓް ޑެފިސިޓްވެސް ވަނީ 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ތިރިކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ

ބަޖެޓަށް ބަދަލު ގެނައުމުގެ ކުރިން ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޖެޓް ކޮމިޓީން ވަނީ ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތައް ކޮމިޓީއަށް ޙާޒިރުކޮށް ބަޖެޓާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. މީގެ އިތުރުން ކޮވިޑް-19ގެ މިހާލަތުގައި ހުށައަޅާފައިވާ ބަޖެޓުގެ ހަރަދުތަކާއި މަޝްރޫއުތަކާއި ގުޅޭގޮތުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ ބަހުސް މަރުހަލާގައި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން ހިންގާނެ މަޝްރޫޢުތައް އިތުރުކޮށް ބަޖެޓް ބޮޑުކޮށްދޭން މިއަދު ނިންމުމާއި ގުޅިގެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މީގެ އިތުރުން މިއަދު ބަޖެޓަށް ގެނެވުނު ބަދަލާއި އެކު އާމްދަނީ އިތުރުކުރުމަށް ބަޖެޓުގައި ހިމެނުމަށް ނިންމާ އައު ކަންތައްތަކުން ލިބޭނެ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ބަޖެޓަށް އިތުރުކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ޓީޖީއެސްޓީ: 598 މިލިއަން
  • ގްރީން ޓެކްސް: 253 މިލިއަން
  • އޭޑީސީ: 219 މިލިއަން
  • އެއާޕޯޓް ސާވިސް ޗާޖު: 218 މިލިއަން
  • ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ: 700 މިލިއަން
  • ހަރުމުދަލުގެ އާމްދަނީ: 1.3 ބިލިއަން

އާމްދަނީ އިތުރުކުރުމަށް ބަޖެޓުގައި ހިމެނުމަށް ނިންމާ އައު ކަންތައްތަކުން ލިބޭނެ އާމްދަނީއަށް 1.2 ބިލިއަން ރުފިޔާ އަށް އިތުރުކޮށްފައިވާއިރު މިގޮތަށް ހުށައަޅާފައިވަނީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުގޫބު ޢަބްދުﷲ އެވެ. އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށް ޔައުގޫބު ހުށައަޅުއްވާފައިވާއިރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމަށް ވެސް ޔައުގޫބު ވަނީ ހުށައަޅުއްވާފައެވެ. އަދި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކުރުމަށްވެސް ޔައުގޫބު ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ބަޖެޓް ކޮމިޓީން ވަނީ މިނިވަން މުއައްސާތަކުގެ ކަންބޮޑުވުންތަކާއެކު، ބައެއް މިނިވަން މުވައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކުރުމަށް ފާސްކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް 2 މިލިއަން ރުފިޔާ، އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓަށް އިތުރުކޮށް ދިނުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ބަޖެޓް އިތުރުކޮށްދީފައިވެއެވެ.

ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވާއިރު މިރޭ ތަޅުމަށް ފޮނުވާނެއެވެ. ނަމަވެސް ކޮމިޓީ ރިޕޯޓަށް ބަހުސް ފަށާނީ 3 ދުވަސް ފަހުންނެވެ. ކޮންމެ މެންބަރަކަށް 7 މިނެޓްގެ ފުރުޞަތެއް ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށް ދިނުމަށް ނިންމާފައިވެއެވެ.