ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިތުބާރު އޮތް ކަމަށް މަޖިލީހުން ނިންމައިފިއެވެ.
ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނާއި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިގެން އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ކޯލިޝަނުންނެވެ.
އިދިކޮޅު ކޯލިޝަނުން އިސްވެ، 11 މެންބަރުންގެ ސޮއި އާއެކު މަޖިލީހަށް ވެއްދި މައްސަލައިގައި މިއަދު ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެންމެ 11 މެންބަރުންނެވެ. އިމްރާނަށް އިތުބާރުއޮތްކަމަށް ބާކީ ތިއްބެވި 53 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
އެ މައްސަލައާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ބަހުސް ފެށުމުގެ ކުރިން ދިފާއުގައި ވާހަކަ ދައްކަވަން ދިން ފުރުސަތުގައި މިނިސްޓަރ އިމްރާން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ނަގައިގެން އުޅޭ މައްސަލައަކީ ނުވާކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކޮށްގެން، ސަރުކާރު ބަލިކަށި ކޮށްލައިގެން ހަމަޖެހުން ނަގާލަން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އިމްރާންގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމާއެކު، އިއްޔެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ވަނީ އިމްރާންގެ މައްޗަށް އިތުބާރުއޮތްކަމަށް ފާސްކޮށްފައެވެ.