English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ ދާއިރާއިން މަރަދޫފޭދޫ ވަކިކޮށްދިނުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދެފި އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި, މައްސަލަ ހުށަހެޅި ފަރާތުގެ ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ މީދޫ ދާއިރާގައި މަރަދޫފޭދޫ ހިމަނާފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށެވެ. މީގެ އިތުރުން ޝުނާނާ ވިދާޅުވީ ދާއިރާތައް ކަނޑައަޅާއިރު އާބާދީ އަށް ބަދަލު ނާންނަ ނަމަ އެ ދާއިރާއަކަށްވެސް ބަދަލު އައިސްގެން ނުވާނެ ކަމަށް ގާނުނުގައި ބުނެފައިވާ ކަމަށެވެ.

ކޮންމެ އިންތިހާބެއްގެ ކުރިން އިންތިހާބީ ދާއިރާތައް މުރާޖައާ ކުރުމަކީ އިލެކްޝަނަސް ކޮމިޝަނުން (އީސީ)ގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން ޝުނާނާ ވިދާޅުވީ އީސީ އިން މީދޫ ދާއިރާއަށް މަރަދޫފޭދޫ ބަދަލު ކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ. އެހެންކަމުން ކުރިން އެރަށް އޮތް މަރަދޫ ދާއިރާއަށް ބަދަލު ކުރުމަށް އެދޭކަމަށް ވިދާޅުވެ ޝުނާނާ ވަނީ މީދޫ ދާއިރާއިން މަރަދޫ ފޭދޫ ވަކިކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިވަޑާއިގެންފަ އެވެ.

ޝުނާނާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އީސީގެ ވަކީލް ވިދާޅުވީ އިންތިހާބީ މައްސަލަތަކުގެ ޝަކުވާ އާޢި މައްސަލަތަކުގެ ފުރަތަމަ މަރުހަލާގެ ކަންކަން ހިންގާނީ ހައިކޯޓުގައިކަމަށާއި މީގެ ކުރިން މި މައްސަލަ ވެއްދުމުން މިއީ ހައިކޯޓުގެ އިހުތިސާސް އޮތް މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މި މައްސަލަ އެ ކޯޓުން ބޭރު ކޮށްލާފައިވާ ކަމަށެވެ. އެހެން ކަމުން މިއީ ސުޕްރީމް ކޯޓުގެ އިހުތިސާސްގައިވާ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އީސީގެ ވަކީލް ވިދާޅުވި އެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މި މައްސަލަ މިއީ އެ ކޯޓަށް އިހުތިސާސް ކުރެވޭނެ މައްސަލައެއްތޯ ދެން އަންނަ އަޑުއެހުމެއްގައި ކަނޑައަޅާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފަ އެވެ