ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ވާދަކުރައްވަވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަވައި އެމްޑީޕީއަށް މަޖިލިހުގެ މެޖޯރިޓީ ދިނުން ނޫން ހައްލެއް މިރާއްޖޭގެ ރައްޔިތުންނަށް ނެތް ކަމުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ..
އެމްޑީޕީގެ ފަރާތުން ރޭ މީދޫގައި ބޭއްވި އެޖެންޑާ 19 އައްޑޫ މީދޫ ދާއިރާގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ނިޒާރު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ވޯޓު ދީގެން ނޫނީ ސަރުކާރު ބޭނުންވާ ގޮތަށް ތަރައްގީ ނުގެނެވޭނެ ކަމަށާއި މިވާހަކަ މިވިދާޅުވަނީ ތަޖުރިބާއާއެކުގައި ކަމަށެވެ.
“މިވާޙަކަ މި ދައްކަނީ ތަޖުރިބާއާއެކު. އެމްޑީޕީއަށް މެޖޯރިޓީ ނުލިބި މި ގައުމުގެ ސިޔާސީ މަސްރަހު ހަމަ މަގަކަށް ނޭޅޭނެ. ހަލަބޮލިކަމާއެކު ރާއްޖޭގެ ރިޔާސަތުގައި ކަންކަން ދިއުމަކީ އަޅުގަނޑު އެދޭނެ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުން ތަރައްގީ. ކުރިއެރުން. މިކަންކަން ވެވެން އޮތް ހައްލަކީ އެޖެންޑާ 19 ކުރިއަށް ދިއުން.” ނިޒާރު ވިދާޅުވިއެވެ.
އައްޑޫސިޓީގެ ރައްޔިތުންނަކީ ތަރައްގީއަށް ފެންބޮވައިގެންފައިވާ ބައެއް ކަމަށާއި ތަރައްގީއަށް އެދި އާދޭސް ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ. ރާއްޖޭގެ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އައްޑޫގެ ރައްޔިތުން މިއުޅެނީ ބިކަހާލުގައި ކަމަށާއި ތާއަބަދު މިގޮތުގައި އުޅެން ޖެހޭތޯ ނިޒާރުވަނީ ސުވާލުކުރައްވަވާފައެވެ.
ނިޒާރު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ވެރިކަމުގައި އައްޑޫސިޓީއަށް މި ބަދަލު ގެނެވޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
“އެބޭފުޅާއާއި ކެބިނެޓާއި އަދި މަޖިލިސް އެކުގައި މަސައްކަތްކޮށްފިނަމަ އައްޑޫސިޓީ ބަދަލުވެގެންދާނީ ނަމޫނާ ތަނަކަށް” ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ރައްޔިތުން ބޭނުންތައް ފުއްދައިދިނުމުގައި ފުށުއަރާ ގާނޫނުތަކެއް އެބަހުރި ކަމަށާއި އެކަމަށް ބަދަލު ގެންނަން އެބަޖެހޭ ކަމަށެވެ. މިކަންކަން ކޮށްދެވޭނީ ސަރުކާރު ނިސްބަތްވާ މެމްބަރުންނަށް ކަމަށާއި ރާއްޖެ އުފެދިފައިވާ ގޮތުން ކޮންމެ ޖަޒީރާއަކަށް މެމްބަރަކު ލިބިގެންދާ ކަމަށެވެ.
ވޭތުވެދިޔަ ސަރުކާރުގައި އިދިކޮޅު މެމްބަރުންގެ ގޮތުގައި ތިބެ ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެނެވި އޮތް އޮތުން އިތުރަށް ތަކުރާރުވާން އަޅުގަނޑުމެން އެއްވެސް ރައްޔިތަކު ބޭނުންނުވޭ. ސަރުކާރާ ގާތް، ސަރުކާރާ ގުޅުން އޮތް މެމްބަރަކަށް ވޯޓުދީގެން ހޮވީމާ ރައްޔިތު މީހާ ބޭނުންވާ ކަންކަން ކޮށްދިނުމަށް މެމްބަރަށް ފުރުސަތު އެބައޮތް. ފާއިތުވެދިޔަ
ނިޒާރު ވިދާޅުވީ ރޮޒެއިނާ އަކީ ނިމިގެން މިދާ ދައުރުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވެވި މެމްބަރެއް ކަމަށާއި އަނިޔާވެރި ވެރިކަމަކާ ދެކޮޅަށް ބުރަ މަސައްކަތް ކުރެއްވެވި އެހެން މެމްބަރެއް މަޖިލިހުގައި ނެތް ކަމަށެވެ. ތަޖުރިބާއަށް ބަލައިގެން މެމްބަރަކު ހޮވާ ކަމަށް ވަންޏާ ރޮޒެއިނާ އަކީ ބާކީ ކުރާވަރުގެ މެމްބަރެއް ނޫންކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
“މީދޫ އަށް ތަރައްގީ ގެނައުމަށް ލިބިގެންދާނެ އެންމެ ބޮޑު ފަސޭހަ އަކީ ރޮޒެއިނާ މި ދާއިރާ ތަމްސީލުކުރުން. ހަގީގަތް އެނގި ޓެސްޓްކޮށް އެޕްރޫވުކޮށްފައިވާ ނަމަކަށް ވޯޓު ދެއްވަވައިގެން ތިޔަ ބޭފުޅުން ބާކީވެގެން ނުދާނެ.” ނިޒާރުވިދާޅުވިއެވެ.