English Edition
Dhivehi Edition
އައްޑޫމީދޫ ދާއިރާގެ އެޖެންޑާ 19 ޖަލްސާގައި ރޮޒޭ ވާހަކަ ދައްކަވަނީ- ފޮޓޯ ލުބްނާ އޭއޯ ނިއުސް

ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ހޯދައިދީ އައްޑޫ މީދޫ ދާއިރާ ހައިސްޕީޑުގައި ތަރައްގީ ކުރެވޭނެ އިންޖީނަކީ ރޮޒެއިނާ އާދަމް (ރޮޒޭ) ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ރޭ މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވި އެޖެންޑާ 19 ގެ އައްޑޫ މީދޫ ދާއިރާގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވީ ޓޫޓީ އިންޖީނެއް ލޯންޗެއްއްގައި އަޅައިފިއްޔާ ދުވާނެކަމަށާއި އެކަމަކު ދުވާ ސްޕީޓް ލަސްވާނެކަމަށެވެ. އޭގެ ބަދަލުގައި ހައިސްޕީޑް 250 ގެ އައުޓުބޯޑު އިންޖީނެއް އަޅައިފިއްޔާ ވަރަށް ބާރަށް ހަލުވިކަމާއެކުގައި ލޯންޗު ދުއްވައިގަންނާނެކަމަށެވެ.

” އަޅުގަނޑަކީ މި ދާއިރާގެ އެ ހައިސްޕީޑް އިންޖީން. ތިބޭފުޅުން ތި ބޭނުންވާ ތަރައްގީ ހައިސްޕީޑުގައި ގެނެސްދޭނެ ކެންޑިޑޭޓަކީ އަޅުގަނޑު. ތިބޭފުޅުންގެ ބޭނުންވަނީ މިދާއިރާ ހައިސްޕީޑުގައި ތަރައްގީވުންތޯ ނުވަތަ ބަރަވެލި ދުވެލީގައި ނިންމުމަކީ ތިބޭފުޅުންގެ ކަމެއް.” ރޮޒޭ ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ރޮޒޭ ވިދާޅުވީ ފާއިތުވި 5 އަހަރަކީ ވެސް ކާމިޔާބު 5 އަހަރުކަމަށެވެ. ނިމިގެން މިދާ ދައުރުގައި އައްޑޫމީދޫ ދާއިރާއަކީ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނައިން ކިޔުނު އެއްދާއިރާއަށް ވާނެކަމަށާއި ތަރައްގީ ނުވެ 5 އަހަރު ދިޔަ ދިއުމަކީ ރޮޒޭގެ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ސަރުކާރުން އެކަން ކޮށް ނުދިނީމާ އެކަން އޮތް ގޮތްކަމަށާއި އެހެން ނަމަވެސް މި ފަސް އަހަރަކީ އެހެން ވެގެންދާނެ 5 އަހަރެއް ނޫންކަމަށް ވެސް ރޮޒޭ ވިދާޅުވިއެވެ. އަދި އިބްރާހިމް މުހައްމަދު ސާލިޙްގެ ވެރިކަމަކީ އައްޑޫސިޓީއާއި މިދާއިރާ ވަރަށް ބާރު ސްޕީޑެއްގައި ތަރައްގީވެގެންދާނެ 5 އަހަރު ކަމަށް ރޮޒޭ ވަނީ މި ޖަލްސާގައި ވިދާޅުވެފައެވެ.

“ތިޔަ ބޭފުޅުންގެ އިހްސާސްތައް ނޭނގިގެނެއް އަޅުގަނޑެއް ނޫޅެން. އެހެންނަމަވެސް އެކަންކަން އަޅުގަނޑަށް އެނގުމަކުން މިކަންކަން ފުރިހަމަވަނީއެއްނޫން. މިކަންކަން ފުރިހަމަވަނީ ތިބޭފުޅުންގެ ޖީބުން ތި ދައްކާ ޓެކްސް ފައިސާ ހަމަ ގޮތުގައި ބޭނުންކުރެވި ވައްކަމާ ކޮރަޕްޝަނުން ދުރުވެ ތިބޭފުޅުންނަށް ތަރައްގީ ހޯދައި ދިނުމަށްޓަކައި ސަރުކާރެއް ނިކުތީމާ. އިރާދަކުރެއްވިއްޔާ މިހާރު މި އޮތް ސަރުކާރަކީ ތިބޭފުޅުންގެ ރަން ފަސް އަހަރަށް ވެގެންދާނެ . ރައީސް ބޭނުންވެގެން އުޅުއްވަނީ ގްރޭޓަރ މާލެއެއް ނޫން ގްރޭޓަރ ޖަޒީރާ ރާއްޖެއެއް. ހަމަ އެކަނި މާލެއަށް ފޯކަސް ކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ އަށް ގެނައުމަކީ ރައީސްގެ ހުވަފެނެއް ނޫން. މި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ރާއްޖެ 5 ދާއިރާއަކަށް ބަހާލައިގެން 5 އާބަން ސެންޓަރ އުފައްދައިގެން އެބައެއް ދިރިއުޅޭ ރަށެއްގައި އުޅެމުން ކަންތައްތައް ފަސޭހައިން ކުރެވޭނެ ގޮތް ފަހިކޮށް ދިނުމަށްޓަކައި” އައްޑޫމީދޫ ދާއިރާގެ ގިނަ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި ރޮޒޭ ވިދާޅުވިއެވެ.

އެޖެންޑާ 19 އަކީ އެމްޑީޕީގެ މި މެނިފެސްޓޯ ތަންފީޒު ކުރާނެ ހަތިޔާރުކަމަށައި އެޖެންޑާ 19 ތަންފީޒު ވެގެންދާއިރު ރައްޔިތުން ބޭނުންވެގެން އުޅޭ ކަންތައްތައް ފުރިހަމަ ވެގެންދާނެކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

މިހާރުވެސް އައްޑޫމީދޫ ދާއިރާގެ ގޮނޑި މިހާރުވެސް ފުރުއްވަވަމުން ގެންދަވާ އަދި ކުރިއަށް އޮތް 5 އަހަރަށް އެ ގޮނޑިއަށް ވާދަކުރައްވަވާ ރޮޒޭ ވިދާޅުވީ އިރާދަކުރެއްވިއްޔާ މި ފަސްއަހަރުގެ ތެރޭގައި ތަފާތު ފެނިގެންދާނެ ކަމަށެވެ.