English Edition
Dhivehi Edition

ކުރިއަށް އޮތް އަހަރު ބާއްވާ ކައުންސިލް އިންތިޚާބަށް އައްޑޫ ސިޓީގެ މަރަދޫ ފޭދޫ އަދި މީދޫ ދާއިރާ ވަކިކޮށް ކޮންމެ ދާއިރާއަކަށް ވަކި ކައުންސިލް ގޮނޑިއެއް ހޯއްދަވައި ދެއްވުމުގެ މަސައްކަތް އެދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ފައްޓަވައިފިއެވެ.

މިގޮތުން ރޮޒޭ ވަނީ މި ދެރަށަށް ވަކި ކައުންސިލް ގޮނޑިއެއް ހޯދުމަށް އެދި މާޗް 28 ވަނަ ދުވަހު ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ އިސްލާހަށް ހުށަހަޅުއްވަވާފައެވެ. ރޮޒޭ މި އިސްލާހު ހުށަހެޅުއްވެވީ ސަރުކާރުގެ ފަރާތުންނެވެ. މި އިސްލާހަކީ އެޓާރނީ ޖެނެރަލް އާ މަޝްވަރާ ކުރުމަށް ފަހު ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ތަކުގެ ތެރެއިން އިސްލާހެއް ކަަމަށް ރޮޒޭ ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ސިޓީ ކައުންސިލަށް މެމްބަރުން އިންތިޚާބުކުރުމުގައި ވަކި ރަށަކަށް ނުވަތަ ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އިދާރީ ގޮތުން ވަކި ވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުން އައި ރަށްތަކެއް އެކުވެގެން އެކުލަވާލެވިފައިވާ އެއްރަށެއް ކަމުގައި ވާނަމަ, އެސިޓީއެއް ނިސްބަތްވާ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރަންވާނީ، އެ ރަށް ނުވަތަ އިދާރީ ދާއިރާއަށް ސިޓިއެއްގެ ދަރަޖަ ދިނުމުގެ ކުރިން އިދާރީ ގޮތުން ވަކި ރަށް ތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައަޅާފައި އޮތް ކޮންމެ ރަށަކަށް މަދުވެގެން އެއް މެމްބަރު އިންތިޚާބު ކުރެވޭ ގޮތަށެވެ.

އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ވެސް މީދޫ އާއި މަރަދޫފޭދޫ ދާއިރާގެ ގޮނޑި ވަކިކޮށް ދިނުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކޮށްފައެވެ.

މިގޮތުން އައްޑޫގެ އާބާދީ އިތުރުވަމުންދާ ގޮތާއި، މަޖިލިހު ގޮނޑި މިހާރު ހަމަޖެހޭ އުސޫލަށް ބަލައި މީދޫ އާއި މަރަދޫފޭދޫ އެއްކޮށް އޮތް ދާއިރާ ވަކިކޮށް މީދޫއަށް ވަކި ގޮނޑިއެއް ހަމަޖައްސައި މަރަދޫފޭދޫ އާއި ފޭދޫން ބައެއް ހިމަނައި މަރަދޫފޭދޫ ދާއިރާ ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމަށް ކައުންސިލުން ވަނީ މަޝްވަރާ ކޮށްފައެވެ.
ކައުންސިލުން އެގޮތަށް މަޝްވަރާ ދީފައިވަނީ މިހާރު އޮތް އުސޫލުން މަރަދޫފޭދޫގެ ތަމްސީލުވުން ކުޑަވެ އެކަމުގައި އިދާރީ މައްސަލަތަކެއް ހުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް މަޖިލީހުގެ އިންތިޚާބުގައި މާލެއަށް ދެ ދާއިރާ އިތުރު ކުރުން ފިޔަވައި އެހެން އެއްވެސް ދާއިރާއަކަށް ބަދަލު ނުގެންނަން އީސީ އިން ވަނީ ނިންމަވާފައެވެ.