English Edition
Dhivehi Edition

މަޣުރިބް ނަމާދުވަގުތު ނިމި އިޝާ ނަމާދަށް ބަންގިގޮވި އަޑު އިވުނީ އޭނާ އެހެން އޮއްވައެވެ. އަދިވެސް އިންތިޒާރަކަށް ނިމުމެއް ނާދެއެވެ. ކިއާރާ އާދަވެގެން އެރޫމަށް އަންނަ ގަޑީގައި މިރެއަކު ނާދެއެވެ. އިމްޖާދުގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އަދިވެސް މުޅިން ގައިމުކުރާނީ އޭ ހިތާ މަޑުމަޑުން ރޫމްގެ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. ކިއާރާ ބުނީ އޭނާ ހުންނަނީ ރޫމް 108 ގައި ކަމަށެވެ. އެއީ އިމްޖާދުގެ ރޫމާ ޖެހިގެން ހުރި ތަނެވެ. އިމްޖާދު ބޭރަށް ނިކުތްގޮތަށް މަޑުމަޑުން ގޮސް 108 ވަނަ ރޫމްގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ދޮރުގެ ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. އެއްވެސް އަޑެއް އަދި އަލިކަމެއްވެސް އެތަނުން ފެންނާކަށް ނެތެވެ. މީހެއްގެ ލިސާނެއް ވެސް ނުމެނެތްމެއެވެ.

އަވަސް އަވަހަށް އިމްޖާދު އެތަނުން ދުރަށް ޖެހުނެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި އައިސް އޭނާގެ ރޫމަށް ވަދެ ދޮރު ތަޅުލިއެވެ. ޔަގީނެވެ. ކިއާރާގެ ސިފައިގައި އޭނަގެ ރޫމަށް އަންނަނީ އިންސާނެއް ނޫނެވެ. އެޖިިންނި އޭނާއާއި އަވަލީ ކަމަށްވެސް ވެދާނެއެވެ.

އެނދުގައި އޮށޯވެ ހަމަޖެހިލަމުން އޭނާ ޓީވީ ހުޅުވާލިއެވެ. ޚަބަރު ގަޑިއަށްވުމުން ރާއްޖޭގެ ޗެނަލަކަށް ޓިއުން ކޮށްލަމުން އޭނާ ޚަބަރުބަލަން ފެށީ ކިއާރާގެ ޚިޔާލުތަކާ ދުރަށް ދެވޭތޯއެވެ. އެއީ ޖިންނިއަކަށް ވިޔަސް އަދި އިންސިއަކަށް ވިޔަސް އިމްޖާދަކަށް މާބޮޑު ފަރުވާލެއް ނެތެވެ. އަންހެނުން މަތިން އިމްޖާދުހުރީ މާކުރިންވެސް ފޫހިވެ ނިމިފައެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އޭރު 8:30 ވަނީ އެވެ.

“އަނެއްކާ..މިގަޑީގައި ކާކުބާ؟” ފޫހިގޮތަކަށް ގޮސް އިމްޖާދު ދޮރުހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެފައިން ފެށިގެން މެޔާ ހަމައަށް ފިނިގަނޑެއް އަރައި ފައިބައިގެން ދިޔަކަހަލަ އިހްސާސެއް ކުރެވުނެވެ. ތަންމިނަށް ދެލޯބޮޑުކޮށްގެން ބިރުވެރި ގޮތަށް ކުރިމަތިން ފެންނަން ހުރި އަންހެން ކުއްޖާއާއި ދިމާއަށް ބަލަން އިމްޖާދަށް ހުރެވުނީ ބޭ އިޚްތިޔާރުގައެވެ.

“ހަލޯ….ކިހިނެއް ވެފަ ތިހިރީ” އަތުން ހަނާއަޅަމުން މަޖާ ގޮތަކަށް ކިއާރާ ބުނެލިއެވެ.

“ބަލަހައްޓައިގެން ހުރި ގޮތުން ހީވަނީ މަށަކީ ޖިންނިއެއް ހެން…” ހެމުން ހެމުން ކިއާރާ ބުނެލިއެވެ.

“އޮހް…އަސްތާ..ނޫން..އެއީ ނިދިފައި އޮއްވާ ޓަކި ޖެހީމަ އެހެން އެވީ. ދެންމެ ކިއާރާ ފެނޭތޯ ބޭރުވެސް ބަލައިފިން” ޖުމުލައިގެ ފަހު ބައި އިމްޖާދުގެ ދުލުން ބޭރުވީ ގަސްތަކު ނޫނެވެ.

“އަސްލުވެސްތަ؟ ހާދަ ރަނގަޅޭ އަހަރެން މަތިން ހަނދާންކުރާނެ މީހަކު ހުރީތީވެސް..މިއައީ ހިތަދޫއަށް ޖައްސާލާފައި. ތިމާގެ ބަޔަކު އެކޮޅުގައި ތިބީމަ ބައްދަލުކޮށްލަން ދިޔައީ… އިމްޖާދު ކައިފިންތަ؟ ވަރަށް ގާތްގޮތަކަށް ކިއާރާ ބުނެލިއެވެ.

“ނޫން އަދި ނުކަން” އޭނާ ހުރީ ބަނޑުހައިވެފައިކަން ވެސް އިހްސާސް ކުރެވުނީ ކިއާރާ އެ ސުވާލުކުުރީމައެވެ.

“ހިނގާ ކާން ދަމާދޯ. ނުވައެއް ޖަހާއިރު ރެސްޓޯރެންޓް ބަންދުކުރާނެ. އެކަނި ދާންވީމަ އިމްޖާދު ކޮބައިތޯ މިބަލާލީ” މިއަދު ކިއާރާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ގާތް ކޮށެވެ.

އިމްޖާދުވެސް ރޫމް ތަޅުލުމަށްފަހު ކިއާރާއާއެކު ރެސްޓޯރެންޓާ ދިމާއަށް ހިނގައިގަތެވެ. މިރޭ ކިއާރާއަށް ވެފައި މިހިރީ ކީއްކަމެއްވެސް އިމްޖާދަކަށް ނޭނގެއެވެ. މިއީ ހަމަ އަރަތެއް ކަހަލަ ކުއްޖެކެވެ.

ދެފަރާތުން ގަސް ހައްދާފައިވާ ތަނުގައި އަތުރާފައި ހުރި ގާތަކުގެ މަތިން މަޑުމަޑުން ހިނގަމުން ދިޔައިރު އެތަނުގައި އޮންނަ ބުޅާ މިއައު ގޮވާލަމުން ކުރިމަތިން ހުރަސްކުރިތަން ފެނުނެވެ.

“އައުޗް…!..އަހަރެން ވަރަށް ބިރުގަނޭ ބުޅާ ދެކެ” ކިއާރާ ކުޑަކޮށް ފަހަތަށް ޖެހިލަމުން އިމްޖާދާއި ކައިރިވެލިއެވެ.

“އެއީ ކިހާ ލޯބި ބުޅަލެއް. އަހަރެން އޭތި ނަގައިގެންވެސް އިންނަން. ވަރަށް ގިނައިން ރޫމް ކައިރީގައި ވެސް އޮންނާނެ. މާ ބޮޑަށް ބިރު ތި ގަންނަނީ. ތިހާވަރުން ކިހިނެއް ދުނިޔޭގައި އުޅޭނީ. މޫސުމް ގޯސްވީމާ ބިރުގަނޭ. ބުޅާ ދެކެ ބިރުގަނޭ. އަނެއްކާ މީހުންދެކެ ބިރެއް ނުގަނޭބާ” ހެމުންހެމުން އިމްޖާދު ބުނެލިއެވެ.

“ބައެއް މީހުން ދެކެވެސް ބިރު ގަނޭ. އެކަމަކު އިމްޖާދު ދެކެ ނުގަނޭ” ކިއާރާވެސް އިމްޖާދުގެ ހުނުމުގައި ބައިވެރިވެލިއެވެ.

އޭރު ލޮބީ ހުރަސްކޮށް ރެސްޓޯރެންޓު ބަޔާ ދިމާއަށް އެމީހުން ދިޔައީ ހިނގަމުންނެވެ.

“މިހާރު މިތަން ވަރަށް ބަދަލުވެއްޖެދޯ. މީގެ 2 އަހަރުކުރިން މިތަނުގައި އޮފީސް ދަތުރެއްގައި އައިސް ހުރިން. އޭގެ ފަހުން މިއައީ މިފަހަރު. މިހާރު މިއޮތީ އެއްކޮށް ބަދަލުކޮށްލާފައި. ވަރަށް ދިރުން އެބަހުރި” ހިނގަމުން ދިޔައިރު ވަށައިގެން ހޯދައި ބަލަމުން ކިއާރާ އެތަނަށް ކޮމެންޓްކޮށްލިއެވެ.

“އަހަރެން ވަރަށް ގިނައިން އަންނަން. މިހާރު ހުރިގޮތް މަށަށް ވެސް ވަރަށް ހިތްގައިމު.ހުދުކުލައާއި ފެހިކުލައިގެ ކޮމްބިނޭޝަން ވަރަށް ސަޅި. އިވެންޓްތައް ބާއްވަން ވެސް ހަމަ ވަރަށް ސަޅިތަނެއް މިއީ” އިމްޖާދުވެސް ކިއާރާއާއި ބައިވެލިއެވެ.

ރެސްޓޯރެންޓްގެ ދޮރާ ހިސާބުން ހިނިތުންވެފައި ހުރި އަންހެންކުއްޖަކު އެމީހުންނާ ސަލާމްކޮށްލަމުން މަރުހަބާ ކިޔާލިއެވެ. އަދި އިށީންނަންވާ ގޮނޑި ދައްކާލިއެވެ. އޭރު ރެސްޓޯރެންޓް ތެރެއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. އިމްޖާދާއި ކިއާރާ ފިޔަވައި އެހެން އެންމެން ކައި އަވަދިވީކަން ނޭނގެއެވެ. އެމީހުންވެސް އަވަސް އަވަހަށް ބުފޭއަށް ގޮސް ތަށްޓަށް ކާތަކެތި އަޅައިގެން ކާންފެށިއެވެ. ކަމުން ދިޔައިރުވެސް އެދެމީހުންގެ ވާހަކައިގެ މައުޟޫއަކަށް އޮތީ މި ހޮޓަލުގެ ވާހަކައެވެ. އިވެންޓް ޓުރިޒަމް މިތަނަށް ތައާރަފްވުމުން ތަނަށް ލިބިގެން ދާނެ ކުރިއެރުމުގެ ވާހަކައެވެ. ވަކިން ޚާއްޞަކޮށް އައްޑޫއަށް ލިބޭނެ އިގްތިޞާދީ ފަހިކަމުގެ ވާހަކައެވެ.

ކެއުން ނިންމާލުމަށް ފަހު ކުޑަކޮށް ހިނގާލަން ދިއުމަށް ކިއާރާާއަށް އިމްޖާދު ދައުވަތު ދިނެވެ. ރޫމަށް ދިޔަނަމަވެސް މިރޭ ދެން މާބޮޑު ކަމެއް ނެތުމާއި މިއަދަކީ މަސައްކަތުގައި ވެސް ބުރަ ނޫން ދުވަހެއް ކަމުން ވަރުބަލިވެސް ވެފައި ނުވާތީއެވެ. އަދި އިމްޖާދުގެ އެންމެ ބޮޑު ބޭނުމަކަށް ވީ ހިތްހަމަ ޖެހޭ މާހައުލެއްގައި ތިބެގެން ކިއާރާ ލައްވައި އޭނާ ކުރަން ބޭނުން ސުވާލުތަކަކަށް ޖަވާބު ހޯދުމެވެ. މިރޭ ކިއާރާގެ މޫޑު ހުރި ގޮތުން އިމްޖާދަށް އެކަމުގައި ކާމިޔާބީ ލިބިދާނެކަމަށް އޭނައަށް ހީކުރެވޭތީ ހިނގާލަން ދިއުމަށް ދައުވަތު ދިނީއެވެ. ކިއާރާ އެދައުވަތު ގަބޫލުކުރީ އުފަލުންނެވެ.

ރެސްޓޯރެންޓުން ނިކުމެވެން ހުރި ކުޑަކުޑަ ދޮރަކުން ނިކުމެ ޕޫލް ސަރަހައްދަށް އެމީހުން ނިކުތެވެ. ރެއަކީ ހަނދުވަރު ދޭރެއެއް ނޫން ނަމަވެސް އެތަނުގައި ދިއްލާފައި ހުރި ބޮކިތަކުގެ ފަނޑު އަލި ފެންގަނޑަށް އެޅިދިއްލިފައި އޮތް އޮތުމާއި ދާދި ކައިރިން ގޮނޑުދޮށުން ޖަހަމުންދިޔަ ރާޅުތަކުގެ އަޑުން މާހައުލަށް ހިތްގައިމު ކަމެއް ގެނެސްދެއެވެ.

ކިއާރާއާއި އިމްޖާދު އިށީނީ ޕޫލުގެ އަރިމަތިން ބީޗާ ވީ ފަޅީގައި ހުރި ގޮނޑިތަކުގައެވެ. ގޮނޑީގައި އިށީނދެ ކިއާރާ އޭނާގެ އަތުގައި އޮތް ޓީޝޫގައި އިން ފޯއްކޮޅެއް ނަގަމުން އިމްޖާދަށް ދިއްކޮށްލިއެވެ. އެތަނުން ކުޑަ ފޯއްކޮޅެއް އަނގަޔަށް ލިއެވެ.

“ސުވާލެއް ކޮށްލަންތަ؟” ވަރަށް ހިއްވަރުކޮށްފައި އިމްޖާދު ބުނެލިއެވެ.

“އާން..ކޮއްބަލަ.” ފެހިކުލައިގެ ގޮދަޑި އަޅާފައިވާ ޕޫލް ގޮނޑިީގައި ރީތިކޮށް ދެފައި ދަމާލާ އޮށޯވެލަމުން ކިއާރާ ބުނެލިއެވެ.

-ނުނިމޭ-

1 ކޮމެންޓް
Shuhu
ސެޕްޓެމްބަރު 5, 2017
Varah varah reethi ?