English Edition
Dhivehi Edition

 

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، އައްޑޫސިޓީގެ 3 ރިސޯޓް އާއި ގެސްޓް ހައުސްގެ ވިޔަފާރި އެއްކޮށް ބަންދުކުރިތާ 7 މަސް ފަހުން އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރްޙަބާ ކިޔައިފިއެވެ.

މިރޭ 8.15 ގައި ގަމުގެ ވައިގެ ބަނދަރުގައި ޖެއްސި މޯލްޑިވިއަންގެ ފްލައިޓުން އައި ފަތުރުވެރިޔާ ޗުއްޓީހޭދަކުރާނީ ގަމުގެ އީކުއޭޓަރ ވިލެޖް ގައެވެ.އޭނާ 1 މަސް ދުވަސް ގަމުގައި ހޭދަކުރާނެއެވެ. ފަތުރުވެރިޔާގެ ޝަރަފުގައި އެ ހޮޓަލުގައި ވަނީ ލައިވް މިއުޒިކާއެކު ޚާއްސަ ޙަފްލާއެއް ބާއްވާފައެވެ. މި ޙަފްލާގައި ފަތުރުވެރިޔާއަށް މަރްޙަބާ ދެންނެވީ އީކުއޭޓަރ ވިލެޖް މޯލްޑިވްސް ގެ މެނޭޖަރ މުޙައްމަދު ވަޙީދާއި އެހޮޓަލުގެ މުވައްޒަފުންނެވެ. ޙަފްލާގައި ފަތުރުވެރިޔާއަށް ވަނީ ހަނދާނީ ލިއުމެއް އަރުވާފައެވެ.

އީކުއޭޓަރ ވިލެޖަކީ ކޮވިޑް 19 އަށް ފަހު ރިސޯޓުތައް ބަންދު ކުރިފަހުން އައްޑޫސިޓީން ފުރަތަމަ ހުޅުވަން ހުއްދަ ލިބުނު ހޮޓަލެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓު އޮޕަރޭޓަރ، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއިން ހިންގާ މި ހޮޓެލްވަނީ އެޗްޕީއޭއިން ރިސޯޓް ތައް ހުޅުވުމާ ގުޅޭ ޢާއްމު މިންގަނޑު ތަކާ އެއްގޮތަށް ޙާލަތު ބަދަލުކޮށް މެހްމާނުންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދެވޭނެ އެންމެ ފުރިހަމައަށް ތައްޔާރުކޮށްފައެވެ.

156 އެނދުގެ މިހޮޓަލަކީ އައްޑޫސިޓީގައި ހުރި ޓުވަރިސްޓުންނަށް ޚިދުމަތްދޭ އެންމެ ދުވަސްވީ ހޮޓަލުގެ އިތުރުން ބައިނަލް އަޤްވާމީ ގިނަ އެވޯޑްތަކެއް މިހާތަނަށް ޙާސިލް ކޮށް އެތައް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޓުވަރިސްޓް ހޮޓަލެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ބޭއްވި އިންޓަރނޭޝަނަލް ޓްރެވަލް އެވޯޑް “ސަޓާ އެވޯޑް” ބޭއްވީވެސް އީކުއޭޓަރ ވިލެޖްގައެވެ. މީގެ އިތުރުންވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ރަސްމިއްޔާތުތަކާއި ޙަފްލާތަށް އީކުއޭޓަރ ވިލެޖްގެބްލޫ ލެގޫންސްގެ ތަނަވަސް މާޙައުލުގައި ބާއްވަމުންދާއިރު މިހޮޓަލަކީ ޤުދުރަތީ ރީތި ކަމާއި މެހްމާންދާރީއާއި ހިތްފަސޭކަމުގެ ގޮތުން އެތައް ބައެއްގެ ތަޢުރީފް އޮހެމުން އަންނަ ހޮޓަލެކެވެ.

އައްޑޫސިޓީގެ އެހެން ރިސޯޓުތައްވެސް ދާދި އަވަހަށް ހުޅުވޭނެ ކަމުގެ ފެހި ސިގްނަލް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ދެއްވާފައިވާއިރު ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ވޭވް ސައުންޑް ބައި ތްރީ އެސް ،އަލުން ހުޅުވަން ވެސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ހުއްދަ ދީފައެވެ. މިއީ އައްޑޫސިޓީގައި އަލުން ހުޅުވަން ހުއްދަ ލިބުނު ފުރަތަމަ ގެސްޓް ހައުސްއެވެ.