English Edition
Dhivehi Edition
1436 ރަމަޟާން މަހު އުމްރާއަށްދާ ފަރާތްތައް ފުރުން - ފޮޓޯ: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު ހަ ކުންފުންޏަކަށް ހުއްދަ ދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ހުއްދަ ދިން ކުންފުނިތަކަކީ ޤުބާ ޕްރައިވެޓް ލިމިޓެޑާއި، އެމް.އެސް ޙައްޖު އެންޑް ޢުމްރާ އާއި އުއްމުލްޤުރާ ލިލްޙައްޖު ވަލްޢުމްރާ ޕްރައިވެޓް ލިމިޓެޑާއި، ޞިރާޠު ޢުމްރާ ޕްރައިވެޓް ލިމިޓެޑާއި، އަސްކޮއި ޙައްޖު ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ރޯޔަލް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

މި ކުންފުނިތަކުގެ އިތުރުން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮންނަ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު އާންމުކޮށްފައެވެ. އެ ލިސްޓުގައި އަލަށް ހުއްދަ ދިން ހަ ކުންފުންޏާއެކު ޖުމްލަ 37 ކުންފުންޏެއް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަލަށް ހަ ކުންފުންޏަކަށް ހުއްދަ ދީފައި ވަނީ ރާއްޖެއިން ޢުމްރާ އަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ ހަތަރުވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން ކަމަށާއި، އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށެވެ.