English Edition
Dhivehi Edition

ށ. އަތޮޅުގެ އެކި މަގާމުތަކާއި، އަތޮޅުވެރިކަން ކުރެއްވި ހިދުމަތްތެރި މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގައި، މަރުހޫމްގެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ކޮމަންޑޫ މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި، ށ. އަތޮޅުގެ އިތުރުން ފުވައްމުލަކުގެ އަތޮޅުވެރިކަން ވެސް ކުރައްވާފަ އެވެ. ރައީސްގެ މެސެޖުގައި މޫސާ ރަމީޒަކީ ވަކިން ހާއްސަކޮށް ށ. އަތޮޅުގެ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ މަރުހޫމް މޫސާ ރަމީޒަށް މާތް الله ގެ ރުއްސެވުމާއި ފުއްސެވުން ދެއްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފަ އެވެ. މޫސާ ރަމީޒަކީ އަތޮޅުތެރޭގެ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އިހުލާސްތެރި މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.