English Edition
Dhivehi Edition
ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް ބޯޓުން ފައިބަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

އެގޮތުން ރަޝިޔާ އިން ޖުމްލަ 12،961 ފަތުރުވެރިން 15 ޖުލައި އިން މިއަދާއި ހަމައަށް ރާއްޖެ އައިސްފައިވާއިރު އެއީ ރާއްޖެއަށް ބޯޑަރު ހުޅުވާލި ފަހުން އައި ފަތުރުވެރިންގެ 21.9 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެ ގައުމުން މިހާތަނަށް 5،449 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

މީގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރޭގައި ޔޫކޭ، އެމެރިކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ފްރާންސް އަދި ސްޕެއިން ހިމެނެއެވެ.

ބައިނަލް އަގުވާމީ އެއަރލައިން ތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ބޯޑަރު ހުޅުވިފަހުން އައިސްފައިވަނީ އެމިރޭޓްސް އިންނެވެ. އެގޮތުން އެ އެއަރލައިން އިން 19،740 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޤަތަރު އެއަރވޭސްއިންނެވެ. އެގޮތުން އެ އެއަރަލައިން އިންވަނީ ރާއްޖެއަށް 18،183 ފަތުރުވެރިން އައިސްފައެވެ.

ބޯޑަރު ހުޅުވާލި ފަހުން އިއްޔެއާއި ހަމައަށް 59،105 ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ. އަދި މިއަހަރުގެ ޖެނުއަރީ 1 އިން އިއްޔެއާއި ހަމައަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 441،952 (ހަތަރު ލައްކަ ސާޅީސް އެއް ހާސް ނުވަ ސަތޭކަ ފަންސާސް ދޭއް) އެވެ.