މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓް ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެންފި އެވެ.
ކޮވިޑް19 އާއި ގުޅިގެން، 09މަސް ދުވަހަށްފަހު ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، މިއަދު މެންދުރު 12:54ހާއިރު އެރަށަށް ވަޑައިގެންނެވުމާއެކު ރައްޔިތުންގެ ފަރާތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ އިތުރުން އެ ރަށުގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ރަސްމީކޮށް ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:30 ގައެވެ. ހއ. އަތޮޅުގައި ހެދި ފުރަތަމަ އެއާޕޯޓަށް މިމަހުގެ 16 ވަނަ ދުވަހު ޓެސްޓފްލައިޓް ޖައްސާފައިވާއިރު ޓެސްޓް ފްލައިޓްގައި ފުރަތަމަ ވަޑައިގެންނެވީ، އެއާޕޯޓް ހުޅުވުމަށް ވަޑައިގަންނަވާ ޓީމުގައި ހިމެނިވަޑައިގަންނަވާ ޓެކްނިކަލް ބޭފުޅުންނެވެ. ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި، މޯލްޑިވިއަން އިން ބުނީ ހޯރަފުށީ އެއާޕޯޓްރަސްމީކޮށް ހުޅުވުމާއެކު ޝެޑިއުލް ދަތުރު ފެށޭނެ ކަމަށެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން މި ސަރުކާރުން ކަނޑައަޅާފައިވާ ޕްލޭންގައި ހިމަނައިގެން ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމާލީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ. ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ. ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި މި މަޝްރޫއަށް ދިވެހި ސަރުކާރުން 198 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
.