މި އަހަރު ސަރުކާރުން މުސާރައަށް 270 މިލިއަނާ 300 މިލިއަން ރުފިޔާއާ ދެމެދު އަދަދަކަށް ފައިސާ ހަރަދު ކޮށްފައިވާ ކަމަށާއި، ބަޖެޓުގައި ފައިސާ ނެތީ އެހެންވެގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަލީ ރިޒާގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުން ފާއިތުވި ޖެނުއަރީ އަދި ފެބުރުއަރީ މަހު މުސާރައަށް ގާތްގަނޑަކަށް 270 މިލިއަނާއި 300 މިލިއަނާ ދެމެދުގެ އަދަދަކަށް އިތުރަށް ހަރަދު ކޮށްފައިވާ ކަމަށެވެ.
މިގޮތުން ސޯލިހް ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހު ކުރީ ސަރުކާރުން މުސާރައަށް 1.9 ބިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް، މި ސަރުކާރުން މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭގައި 2.1 ބިލިއަން ރުފިޔާ މުސާރައަށް ހަރަދު ކޮށްފައިވާކަމަށެވެ. ރައްޔިތުން ބޭނުންވި މިސްރާބަށް ފާއިތުވި ތިން މަހު މި ސަރުކާރުގެ މިސްރާބު ނުދާކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ ފެނިގެންދަނީ ސަރުކާރުން ސިޔާސީ މަގާމުތަކަށް ދުވަހުން ދުވަހަށް މީހުން އިތުރުކުރަމުން ދާ މަންޒަރުކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ނުދަނީ މި ސަބަބާ ހުރެކަން ފާހަގަކުރަމުން ސޯލިހް ވިދާޅުވީ ކުރަން ފަށާފައިވާ ގިނަ މަސައްކަތްތައް ހުއްޓިފައިވާކަމަށެވެ. މީގެ އިތުރުން ސޯލިހް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ދިމާވި ދަތި އުނދަގުލާއެކު ވެސް ރަށްރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި އޮތް މަސައްކަތްތައް ކުރުމަށް ފަހަތަށް ނުޖެހޭ ކަމަށެވެ. އަދި ފައިސާ ހޯދައިގެން ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އިސް ނެގި ކަމަށް ސޯލިހް ވިދާޅުވިއެވެ.
އިތުރަށް ސޯލިހް ވިދާޅުވީ މާބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ އާއިލާއާއެކު ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.