English Edition
Dhivehi Edition
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމަށްފަހު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން، ފައިލް ފޮޓޯ: އެމްޑީޕީ.

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓް ހެދުމުގެ މަޝްރޫއު ނިމުމާ ގާތްވެފައި ވަނިކޮށް އެ މަޝްރޫއު ހުއްޓާލާ އެ ތަނުން މުވައްޒަފުން ވަކި ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ވަނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީގައި ގާއިމް ކުރަމުންދާ ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް އަޅަމުންދާ ބޮޓްލިން ޕްލާންޓްގެ މަޝްރޫއުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އިތުރަށް އެމްޑީޕީން ބުނީ އެ ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ހަދާފައިވާ ޕްލާންޓެއް ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން އެ ތަން ބޭނުން ކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަ މަހު އެ ބްޮތްލިން ޕްލާންޓް ހުޅުވާނެ ކަމަށް ބުނެ ދީފައިވާ ޔަގީންކަމާ ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައިވާކަން ފާހަގަކޮށް އެމްޑީޕީން ބުނީ މި ކަހަލަ ޕްރޮޖެކްޓުތަކަކީ ރަށްރަށުގެ އިގުތިސޯދަށް ދިރުން ގެނެސްދީ، އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ޕްރޮޖެކްޓުތަކެއް ކަމަށެވެ. އަދި އަންނަ މަހު ހިދުމަތް ދޭން ފެށުމުގެ ކުރިން މި ޕްރޮޖެކްޓު ހުއްޓާލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ހޯރަފުށީގެ ރައްޔިތުންނަށް ސަރުކާރުން ދޭ ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ އިގުތިސާދީ ނަފާ ހޯދުމަށް ކައުންސިލުތަކުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓާލައި، ސަރުކާރުން ސިޔާސީ ބޭނުމުގައި ޕްރޮޖެކްޓުތައް ހުއްޓުވުމަކީ އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާނެ ކަމެއް ކަމަށެވެ. ރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާ ނުލުމަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.