English Edition
Dhivehi Edition

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލިވިގެންވާ ގޮތް ބަދަލު ކުރާނެ ކަމަށާއި އަކަން ކުރުން އަދި ލަހެއް ނުވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އިން ކުރާ މަސައްކަތްތައް ރަނގަޅު ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމުން ދިމާވާ ކަންކަން ހައްލު ކުރުމަށް ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭކަމަށެވެ.ޖޭއެސްސީ އިން ކުރައްވަމުންދަނީ ވަރަށް ހަރުދަނާ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެހެން ނަމަވެސް ބައެއް ބޭފުޅުން ފަނޑިޔާރުންނާ މީގެ ކުރިން ބެހެއްޓެވި ގުޅުންތައް، ނުބެހެއްޓެވޭތީވެ، ނުވަތަ އެ ގުޅުންތައް ގެއްލި ދިޔާއިމަ، އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ޝަރޫއީ ދާއިރާ އިސްލާހު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގެ ވައުދާ އެއްގޮތަށް މި ފަސް އަހަރުތެރޭ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރައްވާނެކަމަށެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ލަސްވަމުން އަންނާތީ ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުން އަދި ލަހެއް ނުވާކަމަށާއި އެ ވައުދު ތަންފީޒު ވާނެކަމީ އެއްވެސް ހާލެއްގައި ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ. “ޖޭއެސްސީ ދެން އެކުލަވާލާނީ ކޮން ގޮތަކަށްތޯ؟ މިސާލަކަށް މަޖިލީހުގެ ރައީސް އާއި އެކު ސިވިލް ސަރވިސްގެ ރައީސް ޖޭއެސްސީގައި އިނުން ރަނގަޅުކަމެއްތޯ ނުވަތަ ނޫންތޯ؟ އެއީ ނާހަންވީ ސުވާލެއް ނޫން. އެހެންވެ އެމްޑީޕީގެ މެނިފެސްޓޯގައިވެސް އެކަން ހިމެނުއްވީ،” ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން ވަނީ މިހާތަނަށް ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަތައް ބަލައި، ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ތުހުމަތުވާ ފަނޑިޔާރުންނާއި ކޮރަޕްޝަންގެ ތުހުމަތުވާ ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފަ އެވެ.