ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ކަނޑައަޅަން މަޖިލީހުން ފާސްކުރައްވައިފިއެވެ.
މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް, އެ ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ނަން ހުށައެޅުމަށާއި ތާއީދުކުރުމަށް ހުޅުވާލި ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ، ޖޭއެސްސީއަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްގެ ނަން ހުށައަޅުއްވާފައެވެ. އެ ނަމަށް ތާއީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ މުބާރިކް ކަނޑައެޅުމަށް ނެގި ވޯޓުގައި އެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 58 މެންބަރުން ވޯޓުންނެވެ.