ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ 13.5 ހެކްޓަރުގެ ބިމުގެ ކުލީގެ މައްސަލާގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހޯނޑެއްދޭ ކައުންސިލަށް ސިޓީއެއް ފޮނުވައިފިއެވެ.
އެ ސިޓީގައި މެމްބަރު ފިރުޝާން ވިދާޅުވެފައިވަނީ ހޮރައިޒަން ފިޝަރީޒަށް ހޯނޑެއްދޫން ދޫކޮށްފައިވާ ބިމަކީ އެބިމުގެ ކުލިން އެއްވެސް ފައިދާއެއް ހޯނޑެއްދޫއަށް ލިބޭ ގޮތަށް ދޫކޮށްފައިވާ ބިމަކަށް ނުވެފައި އެބިމުގައި މިހާރު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ނުފެށި، އެ ބިމާއި އިންވެސްޓްމެންޓް ދައްކައިގެން ހޮރައިޒަނުން މާލީ ފައިދާ ނަގަމުންދާތީ އެ މައްސަލަ މަޖިލިހާއި ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. ހަމަ އެހެންމެ މަޖިލިހުގެ އިގްތިޞާދީ ކޮމެޓީއަށް އެ މައްސަލަ ވައްދައި އެ މައްސަލަ ބަލައި ހައްލު ލިބެން ހުރި ކަންކަމަށް ހައްލު ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
ހޮރައިޒަން ފިޝަރީޒް އަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ 13.5 ހެކްޓަރުގެ ބިމަކީ އެބިމުގެ ކުލިން އެއްވެސް ފައިސާއެއް ހޯނޑެއްދޫއަށް ލިބޭ ބިމަކަށް ނުވެފައި ސީދާ ކައުންސިލަށް އެބިމުން ލިބޭ ކުލި ހޯދުމަށްޓަކައި ކައުންސިލްގެ ފަރާތުން ރަސްމީކޮށް މިނިސްޓްރީ އޮފް ފިނޭންސްގައި އެދުމަށް ފިރުޝާން ވަނީ ސިޓީގައި އެދިލައްވަވާފައެވެ. އަދި މިގޮޮތަށް ނިންފައިވަނީ މަޝްވަރާތަކަކަށް ފަހު މިނިސްޓްރީ އޮފް ފިނޭންސްއިން އެެބިމުގެ ކުލި ހޯދުމަށް ކައުންސިލުން ރަސްމީކޮޮށް އެދުމަށް މިނިސްޓްރީން އަންގާފައިވާތީ ކަމަށްވެެސް ފިރުޝާން ފޮނުވި ސިޓީގައި ވެއެވެ.
މި ކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި މެމްބަރު ފިރުޝާން ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ހޯނޑެއްދޫއިން ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ 13.5ހެކްޓަރުގެ ބިމުގެ މައްސަލާގައި އެ ބިމުގެ ކުލި ހޯނޑެއްދޫ ކައުންސިލަށް ހޯދުމަށް ކުރެވުނު މަސައްކަތުން، މިނިސްޓްރީ އޮފް ފިނޭންސް ގައި އެ ކުލި ކައުންސިލަށް ހަމަޖައްސައި ދިނުމަށް އެ ކައުންސިލުން އެދުމުން އެކަން ހަމަޖެހޭނެކަމަށް މިނިސްޓަރ ފިނޭންސް އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައި ކަމަށެވެ.
“އަޅުގަނޑު ވާނީ މި ދެންނެވި ބިމުގެ ކުލި ކައުންސިލަށް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގައި ކައުންސިލުން އެދުމަށް އެދި ކައުންސިލްގައި ދަންނަވާފައި. އިރާދަ ކުރެއްވިއްޔާ ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމުގެ ކުލި ދާދިއަވަހަށް ހޯނޑެއްދޫ ރައްޔިތުންގެ އާމްދަނީއަށް އިތުރުވެގެންދާނެ” ފިރުޝާނު ވިދާޅުވެފައިވެއެވެ.
.
ހޯނޑެއްދޫން ހޮރައިޒަނަށް ދޫކޮށްފައިވާ ބިމާ ގުޅޭ ގިނަ ޝަކުވާތަކެއް ރައްޔިތުން ކުރަމުން އަންނަ އިރު 2019 ވަނަ އަހަރުގެ ޖުލައި މަހު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ގދ. ތިނަދޫއަށް ކުރެއްވެވި ދަތުރުފުޅުގައި ވެސް ރައްޔިތުން ވަނީ އެތަނާ ގުޅޭ ގިނަ ޝަކުވާތަކެއް ކޮށްފައެވެ. އެ ބައްދަލުވުމުގައި ތިނަދޫގެ މަސްވެރިން ވަނީ ގދ. ހޯޑެއްދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒް އިން ހިދުމަތް ނުލިބޭތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެތަން އަލުން ފަށައިގަތުމުން ފަސޭހަތަކެއް ލިބޭނެކަމަށް ބުނެފައެވެ. ރައްޔިތުންގެ ޝަކުވާ ތަކާ ގުޅިގެން ރައީސް ވަނީ އެތަނުގެ މަސައްކަތްތައް ހުއްޓިފައި އޮތް ސަބަބު ބައްލަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ފެކްޓްރީއެއް ހަދަން ހޮރައިޒަން ފިޝަރީޒަށް ގދ.ހޯޑެއްދޫން ދޫކޮށްފައިވާ ބިމުން ލިބެނީ އަކަފޫޓަކަށް 15 ލާރި ކަމަށާއި އެއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް ވިދާޅުވެ، މި އަހަރުގެ ފެބްރުއަރީ މަހު ފިރުޝާން ވަނީ ކަންބޮޑުވުން ފާޅުކޮށް މި ކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރާ ސުވާލުކުރައްވަވާފައެވެ.
މި މައްސަލައާއި ގުޅޭ ގޮތުން އޭރު މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެފައިވަނީ، ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށްޓަކައި ހޯނޑެއްދޫން ހަވާލުކުރި ހޮރައިޒަން ފިޝަރީޒް އިން އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާތީ، އެ މައްސަލަގާއި ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ލަފައަކަށް އެދި އެޓާނީ ޖެނެރަލް (އެޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.