English Edition
Dhivehi Edition
ޤައުމީ ކުތުބުޚާނާ - ފޮޓޯ: ގޫގުލް

ކޮވިޑް-19 އާ ގުޅިގެން ޤައުމީ ކުތުބުޚާނާގެ ޙިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، އަންނަ އާދިއްތަ ދުވަހު އަލުން ހުޅުވާލުމަށް ނިންމައިފިއެވެ.

ޤައުމީ ކުުތުބުޚާނާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ އައު ޢާންމު ޙާލަތުގައި ޤައުމައިގެން ޚިދުމަތް ދިނުމަށްޓަކައި 22 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާއިން ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

މި އައު ޢާންމު ޙާލަތުގައި ޤައުމީ ކުތުބުޚާނާއިން ޚިދުމަތް ދެމުން ގެންދާނީ ހަފްތާއަކު 3 ދުވަހު ކަމަށާއި، އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ މެންދުރު 12:00 އިން 15:00 އަށް ކަމުގައި ވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

އަދި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ކުތުބުޚާނާ އިން ވަނީ މަޢާފަށްވެސް އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ މާރިޗު 12 ވަނަ ދުވަހު އެވެ. މީގެ ކުރިން ޤައުމީ ކުތުބުޚާނާ އިން ހާމަކޮށްފައިވާ ގޮތުގައި ޤައުމީ ކުތުބުޚާނާ އާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީއަށް އަނބުރާ ގެންނަންޖެހޭ (ރިޓާރން) ތަކެތި، ކުތުބުޚާނާގެ ޚިދުމަތް އަލުން ދޭން ފަށާ ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އިތުރު ޖޫރިމަނާއަކާ ނުލާ ބަލައިގަނެވޭނެ އެވެ.