English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި ގައުމީ ކުތުބުޚާނާ އަށް ބޮޑު ތަރައްގީއެއް ގެންނަން ނިންމާ އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ.

ގައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމާފައި މިވަނީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ވެސް ގުޅުވައިގެން ނެވެ.

އެގޮތުން މި ހަރަކާތް ހިމަނާފައިވަނީ އެ މުއްދަތުގައި ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތުގަ އެވެ.

ގައުމީ ކުތުބުޚާނާގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގައި ފަހުމުނާމައިގާ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ އެވެ. ކުތުބުޚާނާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގް އެވެ.

މިހަފްލާގައި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް މެނޭޖްމަންޓްގެ މެންބަރުން ބައިވެރިވަޑައިގެންނެވި އެވެ.

މި ޕްރޮޖެކްޓް ގެ ދަށުން ގައުމީ ކުތުބުޚާނާގެ މެއިން ރީޑިންގ އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިންގ އެންޑް ރިސާރޗް ރޫމް, މޭކާރސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑް ކުރުމާއި ކުތުބުޚާނާއިން ކުރިއަށް ގެންދާ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނަރ ވެސް ހަދިޔާކުރާނެ އެވެ.

މީގެ އިތުރުން މުޅިން އަލަށް ކުތުބުޚާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށް، އެތަނުގެ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުޚާނާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްދެވޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ” ލައިބްރަރީތަކަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ މުހިންމު ބައެއް. ގައުމީ ކުތުބުހާނާ އަކީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީ ކުރުމަށް މުހިންމު ތަނެއް އަދި ހަމައެއާއެކު ހުރިހާ އުމުރުފުރަޔަކަށްވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް.” ކަމަށެވެ.

މީގެ އިތުރުން ގައުމީ ބޭންކުގެ ހައިސިއްޔަތުން ކުތުބުޚާނާއަށް ބަދަލުގެނެސް މިފަދަ ބޮޑު ތަރައްގީގެ މަސައްކަތެއް ކޮށްދެވޭކަމީ ފަޚުރުވެރިވާ ކަމެއް ކަމަށާއި މިއީ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ދެވަނަ ޕްރޮޖެކްޓް ކަމަށް ވެސް ޓިމް ވިދާޅުވި އެވެ. އަދި މިފަދަ މުޖުތަމައަށް ފައިދާ ކުރާނެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޓިމް ވަނީ ވިދާޅުވެފަ އެވެ.

ބޭންކުން ވަނީ ފުރަތަމަ ހަރަކާތުގެ ގޮތުގައި “ބީއެމްއެލް ސްކޮލަރޝިޕް ފަންޑު’ ތައާރަފްކޮށްފަ އެެވެ. ސްކޮލަރޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިންގ އަދި ފައިނޭންސް ގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަންޑުގެ އަމާޒަކީ މި ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމެވެ.