English Edition
Dhivehi Edition

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިތުރު ލުއިތަކެއް ދީފިއެވެ.

އެގޮތުން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 20 ޑިސެންބަރު 2020 އިން ފެށިގެން އެ އެޖެންސީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކުޅިވަރު މުބާރާތްތަކާއި، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ހުޅުވާލަފައިވާ ކަމަށެވެ. އެހެންކަމުން މާލެ ސަރަޙައްދުގައި އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި އޮތް އޮތުންވެސް ޑިސެންބަރު 20 ވަނަ ދުވަހުން ފެށިގެން ބާތިލްވާނެއެވެ.

އެހެންނަމަވެސް އެޗްޕީއޭ އިން ވިދާޅުވީ އެ އެޖެންސީން ނޮވެންބަރު 7 ވަނަ ދުވަހު ނެރުނު އެންގުމުގައި ބުނެފައިވާ އެހެން ފިޔަވަޅުތަކާއި ލުއިތަކާއި އިސްތިސްނާތައް އެގޮތަށް ދެމި އޮންނާނެ ކަމުގައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ޙާލަތު ރަނގަޅުވަމުންދާ މިންވަރަކުން އެޗްޕީއޭ އިން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވެސް ލުއި ދެމުންނެވެ. އެގޮތުން މީގެ ކުރިން ކަނޑައަޅާފައި އޮތް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު މިހާރު 10 ދުވަހަށް ކުރު ކޮށްފައިވާއިރު، ރާއްޖެއިން ބޭރުން ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އަންނަ އެއްވެސް ދިވެއްސަކު ކަރަންޓީނުވާން ނުޖެހޭ ގޮތަށްވެސް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.