English Edition
Dhivehi Edition
ސައުތު ޕާމް ރިސޯޓު މޯލްޑިވްސްގެ ވޯޓަރ ވިލާއެއް - ފޮޓޯ: ސައުތު ޕާމް ރިސޯޓު މޯލްޑިވްސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތަކާއި ރިސޯޓުތައް ބަންދުކުރުމަށް ސަރުކާރުން ނިންމުމަށްފަހު، އަލުން ރިސޯޓުތަކާއި ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދިނުމާއި ގުޅިގެން ސައުތު ޕާމް ރިސޯޓު މޯލްޑިވްސް މާދަމާ ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފިއެވެ.

އެގޮތުން ސައުތު ޕާމް ރިސޯޓު މޯލްޑިވްސް އިން މިއަދު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި، އެ ރިސޯޓުން ވަނީ މާދަމާ އެ ރިސޯޓަށް ރާއްޖެއިން ބޭރުން ފަތުރުވެރިން އަންނަން ފަށާނެ ކަމުގައި ހާމަކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ މި ޙާލަތުގައި ބޭރުގެ ފަތުރުވެރިން ރިސޯޓަށް ގެނައުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް ވަނީ ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައިވެސް ރިސޯޓު ބަންދު ނުކޮށް، އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ނުކޮށް، ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތް ކޮށް އެ ރިސޯޓުން ދެއްކި ނަމޫނާއަށްޓަކައި، ރިސޯޓުގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުޙަބާ އާއި ޝުކުރު ދަންނަވައިފައެވެ.

ސައުތު ޕާމް ރިސޯޓު މޯލްޑިވްސް އަކީ އައްޑޫ ސިޓީގެ މީދޫ އާއި އިންވެގެން އޮތް އިސްމެހެލާ ހެރަގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. އަދި އެއީ އައްޑޫ ސިޓީގައި ކޮވިޑް-19 އާއި ގުޅިގެން ބަންދު ނުކޮށް ހުރި ހަމައެކަނި ރިސޯޓުވެސް މެއެވެ.