ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕް ކޮލިފައިން ދެކުނު އެމެރިކާ ސަރަހައްދުގެ ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި 2-0 އިން އުރުގުއޭ ބަލިކޮށް ބްރެޒިލުން ސައްތަ އިން ސައްތަ ރެކޯޑް ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި 2-0 އިން ޕެރޫ ބަލިކޮށް އާޖެންޓީނާ އިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ދެކުނު އެމެރިކާ ފަޅިން މިހާތަނަށް ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު، 12 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބްރެޒިލެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ވާދަވެރި އާޖެންޓީނާ އެވެ. ތިންވަނައިގައި ނުވަ ޕޮއިންޓާއެކު އޮތް އެކުއޭޑޯ ވަނީ ރޭ 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ކޮލަމްބިއާ ބަލިކޮށްފައެވެ. ހަތަރުވަނައިގައި އޮތް ޕެރަގުއޭ އާއި ފަސްވަނައިގައި އޮތް އުރުގުއޭ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ޕެރަގުއޭ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
އުރުގުއޭ އިން ބްރެޒިލާ ދެކޮޅަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ލުއިސް ސުއަރޭޒަށް ނުކުޅެވުމެވެ. ބްރެޒިލުން މި ފަހަރުގެ މެޗުތަކަށް ކުރިމަތިލީ އަނިޔާވެފައިވާ ނޭމާ ނުލައެވެ.
އުރުގުއޭގެ އެސްޓާޑިއޯ ސެންޓެނޭރިއޯގައި ރޭ ކުޅުނު މެޗުގައި ބްރެޒިލުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ބްރެޒިލްގެ ފުރަތަމަ ލަނޑު، މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ މިޑްފީލްޑަރު އާތޫރް މެލޯ އެވެ. މިއީ އެ ޓީމުގެ ޑަނީލޯ އާއި ގެބްރިއެލް ޖެސޫސް ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުން މެލޯ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ރެނާން ލޯޑީގެ ހުރަހަކުން އެވަޓަން އަށް ކުޅެމުން އަންނަ ފޯވާޑް ރިޗާލިސަން ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލްގެ ފޯވާޑް ޖެސޫސް އަށް ލީޑް ފުޅާކުރަން ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، އުރުގުއޭ އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުކުރެވިފައިނުވާއިރު އެ ޓީމުގެ ފޯވާޑް އެޑިންސަން ކަވާނީ އަށް ސީދާ ރަތެއް ދެއްކުމުން ކުރިއަށް އޮތް މެޗުތަކަށް ކުރިމަތިލާއިރު އެ ޓީމު ވަނީ އުނދަގޫ ފައްތަރަކަށް ވެއްޓިފައެވެ.
އާޖެންޓީނާގެ ދަނޑުގައި ޕެރޫ ކޮޅަށް ޖެހި ދެ ގޯލްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މެޗުގެ 17 ވަނަ މިނިޓްގައި ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ ދިން ބޯޅައަކުން ލޫކަސް ގޮންޒާލޭޒް އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، އޭގެ 11 މިނިޓް ފަހުން ލީޑުފުޅާކޮށްދިނީ ލޮޓާރޯ މާޓިނޭޒް އެވެ. މިއީ އާޖެންޓިނާގެ ޖާޒީގައި މާޓިނޭޒް ކުޅުނު 21 މެޗުގައި ޖެހި 11 ވަނަ ލަނޑެވެ.
ރޭގެ މެޗާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ދެކުނު އެމެރިކާ ސަރަހައްދުން މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައިގައި އޮތް ބްރެޒިލްގެ ކުރީގެ ކެޕްޓަން އަދި ޑިފެންޑަރު ކާފޫއާ އެއްވަރަށް 142 މެޗު ހަމަކޮށްފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ؛ އިވާން ހާޓާޑޯ (168) އާއި ޕައުލޯ ޑަ ސިލްވާ (148) ގެ އިތުރުން އާޖެންޓީނާގެ ދެ ކުޅުންތެރިން ކަމަށްވާ ހަވިއޭ މަޝަރާނޯ (147) އަދި ހަވިއޭ ޒަނެއްޓީ (143) އެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޗިލީ އަތުން އަމިއްލަ ދަނޑުގައި 2-1 އިން ވެނެޒުއެލާ މޮޅުވިއިރު ޕެރަގުއޭއާ ދެކޮޅަށް ބޮލިވިއާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.