English Edition
Dhivehi Edition
ޕޯޗުގަލްއާ ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑްކަޕް ކޮލިފައިންގައި ރޭ ޕޯޗުގަލް އާއި ބެލްޖިއަމް ކުޅުނު މެޗުތަކުން އެއްވަރުވިއިރު، ތުރުކީ އަދި ނެދަލެންޑްސް ވަނީ މޮޅުވެފައެވެ.

ސާބިއާގެ ދަނޑުގައި 2-2 އިން ޕޯޗުގަލް އެއްވަރުވިއިރު، ބެލްޖިއަމް ވަނީ ރަށުން ބޭރުގައި ޗެކް ރިޕަބްލިކްއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެފައެވެ. ސައްތައިގެ ރެކޯޑަކާއެކު އޮތް ތުރުކީ އިން ރަށުން ބޭރުގައި ނޯވޭ އަތުން 3-0 އިން މޮޅުވިއިރު، ނެދަލެންޑްސް ވަނީ 2-0 އިން ލެޓްވިއާ ބަލިކޮށްފައެވެ.

ސާބިއާގެ ބެލްގްރޭޑްގައި ހުންނަ ރެޑް ސްޓަރ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން 11 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޔޮޓާ ކާމިޔާބުކުރިއިރު މެޗުގެ 36 ވަނަ މިނެޓުގައި ޔޮޓާ ވަނީ ސެޑްރިކް ސޮއާރޭސް ނަގައިދިން ހުރަހަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ޗެކް ރިޕަބްލިކްގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ (ވ) މަސައްކަތްކުރަނީ. –ފޮޓޯ: ފީފާ.ކޮމް

ސާބިއާ އިން ވަނީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 14 ވަރަކަށް މިނެޓުގެ ތެރޭގައި އެއްވަރުކޮށްފައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި އަލެކްސެންޑާ މިޓްރޮވިޗްގެ ގޯލުން ސާބިއާ އިން ފަރަގު ކުޑަކުރިއިރު، އެ ޓީމުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 60 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ފިލިޕް ކޮސްޓިޗް ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ޕޯޗުގަލްގެ މިޑްފީލްޑަރު ޑަނީލޯ ޕެރޭރާ އަށް ސާބިއާގެ ޑިފެންޑަރު ނިކޮލާ މިލެންކޮވިޗް ކުރި ފައުލަކަށް ރެފްރީ ވަނީ ސީދާ ރަތެއް ދައްކާފައެވެ.

މި މެޗުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލެއް ބަލައިނުގަންނަން ރެފްރީ ނިންމުމުން އޭނާ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ތެރޭގައި އެސިސްޓެންޓް ރެފްރީ ގާތުގައި ޝަކުވާކުރުމުން ރެފްރީ ވަނީ ރޮނާލްޑޯ އަށް ރީނދޫ ކާޑެއް ދައްކާފައެވެ. މި މެޗުގައި ގޯލް ލައިން ޓެކްނޮލޮޖީ ނެތުމުން ރެފްރީ އާއި ލައިންސްމަން އަށް ނުފެންނާތީ އެ ގޯލު ބަލައިނުގަންނަން ނިންމުމުން ރޮނާލްޑޯ ވަނީ ދަނޑުން ފޭބި ވަގުތު ކެޕްޓަން ބޭންޑް ވެސް އެއްލާލައިފައެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އުޅޭ ބެލްޖިއަމުން ރޭ ޗެކް ރިޕަބްލިކްއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ވެސް ޗެކް ރިޕަބްލިކް އިންނެވެ. ދެވަނަ ހާފުގެ ކުޅުންފެށިގެން ފަސްވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ރީތި ހަމަލާއަކުން މިލަނޑު އެ ޓީމަށް ޖަހައިދިނީ ސްލާވިއާ ޕްރާގްގެ ވިންގާ ލޫކަސް ޕްރޮވޮޑް އެވެ. އޭގެ 10 މިނެޓުފަހުން، ބެލްޖިއަމް އިން ނަތީޖާ ހަމަހަމަކުރީ ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ އެވެ.

ނޯވޭ ކޮޅަށް ލަނޑުޖެހުމަށްފަހު ތުރުކީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

ކޮލިފައިންގައި ރޭ ކުޅެވުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ނޯވޭގެ ދަނޑުގައި 3-0 އިން ތުރުކީ މޮޅުވިއިރު، އެ ޓީމުގެ މިޑްފީލްޑަރު އޮޒާން ތޫފާން ދެ ގޯލް ޖެހިއެވެ. އަނެއް ލަނޑުޖަހައިދިނީ ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރު ސަގްލާ ސޮޔުންޗޫ އެވެ.

މި ގްރޫޕުގައި ހިމެނޭ ގަދަފަދަ ނެދަލެންޑްސް ވަނީ ލެޓްވިއާ އަތުން 2-0 އިން މޮޅުވެފައެވެ. މި މެޗުގައި ނެދަލެންޑްސްގެ ގޯލުތައް ޖެހީ ސްޓީވަން ބާގައިސް އާއި ލޫކް ޑިޔޯން އެވެ. ކޮލިފައިންގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ތުރުކީ އަތުން ބަލިވިއިރު، ރޭގެ މެޗަކީ މި ފަހަރުގެ ކޮލިފައިންގައި ނެދަލެންޑްސް މޮޅުވި ފުރަތަމަ ފަހަރެވެ.

މާރިއޯ ޕަސަލިޗް ކާމިޔާބުކުރި ގޯލުން ސައިޕްރަސްގެ މައްޗަށް ކްރޮއޭޝިއާ އިން ކުރިހޯދިއިރު ލެގްޒެމްބޯގް ވަނީ 1-0 އިން ރިޕަބްލިކް އޮފް އަޔާލެންޑް ބަލިކޮށްފައެވެ. ޖިބްރާލްޓާ އަތުން 4-1 އިން މޮންޓެނީގްރޯ މޮޅުވިއިރު، ސްލޮވީނިއާގެ މައްޗަށް ރަޝިޔާ ކުރިހޯދީ 2-1 އިންނެވެ.