English Edition
Dhivehi Edition
ވޭލްސް ކޮޅަށް ލަނޑުޖެހުމަށްފަހު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް / ފީފާ.ކޮމް

2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ޔޫރަޕްގެ ގައުމުތަކުގައި ރޭ ކުޅުނު މެޗުތަކުން ބެލްޖިއަމާއި ޕޯޗުގަލް މޮޅުވިއިރު، ދުނިޔޭގެ ޗެމްޕިއަން ފްރާންސް ކުޅުނު މެޗުން އެއްވަރުވެއްޖެއެވެ.

ބެލްޖިއަމުން އަމިއްލަ ދަނޑުގައި ފަހަތުން އަރައި 3-1 އިން ވޭލްސް ބަލިކުރިއިރު، އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް ވަނީ 1-0 ގެ ހަނި ނަތީޖާއަކުން އަޒަރުބައިޖާން އަތުން މޮޅުވެފައެވެ. ފްރާންސުން އަމިއްލަ ދަނޑުގައި 1-1 އިން ޔޫކްރޭނާ އެއްވަރުވިއިރު، ތުރުކީ އިން ވަނީ 4-2ގެ ނަތިޖާއަކުން ނެދަލެންޑްސް ބަލިކޮށްފައެވެ.

ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ބާސެލޯނާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ރީތި ގޯލާއެކު ދުނިޔޭގެ ޗެމްޕިއަނުން ލީޑްނެގިއިރު، ދެވަނަ ހާފުގެ ކުޅުން ފެށިގެން 12 ވަނަ މިނެޓުގައި ޔޫކްރޭނުން ނަތީޖާ ހަމަހަމަކުރީ ފްރާންސްގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. މިއީ ޔޫކްރޭންގެ ސޭހީ ސިޑޯޗުކް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކިމްޕެމްބޭގެ ފައިގަ ޖެހިފައި ވަތް ގޯލެކެވެ.

މި މެޗުގައި ގްރީޒްމަން ކާމިޔާބުކުރި ގޯލާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައިގައި އުޅޭ ޑޭވިޑް ޓްރެޒެގޭއާ އަރާ ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ގައުމީ ޓީމަށް ޖަހައިދީފައިވަނީ 34 ލަނޑެވެ. ގްރީޒްމަން އަށް ވުރެ ލަނޑުލިސްޓުގެ ކުރީގައި އުޅެނީ ތިއެރީ އޮންރީ އާއި އޮލިވިއޭ ޖިރޫގެ އިތުރުން މިޝޭލް ޕްލެޓިނީ އެވެ.

ޔޫކްރޭނާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އުޅޭ ބެލްޖިއަމް ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ވޭލްސް އިންނެވެ. މެޗު ފެށިގެން 10 ވަނަ މިނެޓުގައި ގަރެތު ބޭލް ދިން ބޯޅައަކުން މި ލަނޑުޖަހައިދިނީ ހެރި ވިލްސަން އެވެ. އޭގެފަހުން މެޗުގެ 22 އާއި 26 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ އާއި ތޯގަން ހަޒާޑް ކާމިޔާބުކުރި ގޯލްތަކުން ބެލްޖިއަމުން ވަނީ ލީޑްނަގާފައެވެ.

ރޭގެ މެޗުގައި ބެލްޖިއަމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗު ނިމެން 17 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ޑްރީޒް މާޓެންސް އަށް ވޭލްސްގެ ޑިފެންޑަރު ކްރިސް މެޕްހަމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ގޯލާއެކު ބެލްޖިއަމްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ލުކާކޫ ވަނީ މިހާރުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 39 މެޗުގައި 41 ގޯލް ޖަހައިދީފައެވެ.

އަޒަރުބައިޖާންއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ކޮލިފައިންގައި ރޭ ކުޅުނު އެހެން ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ޕޯޗުގަލް 1-0 އިން މޮޅުވީ އަޒަރުބައިޖާންގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މި މެޗުގެ ފަރަގު ކުޑަކުރުމުގައި އަޒަރުބައިޖާންގެ ގޯލްކީޕަރު ޝަހްރުއްދީން މަހައްމަދަލިއޭވް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ގިނަ ހަމަލާތަކެއް މަހައްމަދަލިއޭވް ވަނީ މަތަކޮށްފައެވެ.

ތުރުކީގެ ދަނޑުގައި 4-2 ގެ ނަތިޖާއަކުން ނެދަލެންޑްސް ބަލިކުރިއިރު އެ ޓީމުގެ ފޯވާޑް ބުރާކް ޔިލްމާޒް ވަނީ ހެޓްރިކެއް ހަދާފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ހަކާން ޗަނައޮގްލޫ އެވެ. ނެދަލެންޑްސްގެ ލަނޑުތައް ޖަހައިދިނީ ޑޭވީ ކްލާސެން އާއި ލޫކް ޑިޔޯން އެވެ.

ޗެކް ރިޕަބްލިކުން ރަށުން ބޭރުގައި އެސްޓޯނިއާ އަތުން 6-2 އިން މޮޅުވިއިރު، ސާބިއާ އިިން ވަނީ 3-2ގެ ރިޕަބްލިކް އޮފް އަޔާލެންޑް ބަލިކޮށްފައެވެ. ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް ފިންލެންޑްގެ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ސްލޮވީނިއާ އިން ވަނީ 1-0 އިން ކްރޮއޭޝިއާ ބަލިކޮށްފައެވެ.